އަމިއްލަ ގޭގައި އަލިފާންރޯކޮށްލި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ދަޢުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން ހަ މަހަށް ޖަލަށްލުމަށް އިއްޔެ ހުކުމް ކޮށްފައި ވަނީ މއ. ސެވަންއެންޑްހައުސް، ހަސަން އާތިފް،41، ގެ މައްޗަށެވެ.

ްއެ މައްސަލާގައި ދައުލަތުން ހަސަން އާތިފްގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލީ، 2010 ޖޫން 20 ވަނަ ދުވަހު އޭނާ ދިރިއުޅެމުން ދިޔަ ސެވަންއެންޑްހައުސް ގޭގެ ގްރައުންޑް ފްލޯގެ ކުޑަދޮރެއްގައި ޖަހާފައި ހުރި ދާގަނޑުގެ ތެރެއަށް ފޮތިގަނޑެއް ވެއްދުމަށް ފަހު ލައިޓަރަކުން އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅިގެންނެވެ.

ދަޢުލަތުން ހަސަން އާތިފްގެ މައްޗަށް އުފުލި ދައުވާ ބެލުމަށް ފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ އެ ހާދިސާ ހިނގައި ދިޔަ ގޮތުގެ މައްޗަށާއި ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅިފައިވާ ގަރީނާތަކުން އެ ދައުވާ ޝަރީއަތަށް ސާބިތުވާތީ، ހަސަން އާތިފް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި މިއީ އޭނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވި ހަ ވަނަ ފަހަރު ކަމަށް ވާތީ، ހަ މަސް ދުވަހުގެ މުއްދަތަށް ހަސަން އާތިފް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.