12 May 2015, 15:39
މިމަހު ފަހުކޮޅު އިނގިރޭސި ޕްރިމިއާ ލީގްގެ ޓޮޓެންހަމް ހޮޓްސްޕާ އާ ދެކޮޅަށް ކުޅެން ނެގި މެލޭޝިއާ ޓީމުގައި ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ހިމަނައިފި އެވެ.
ދަގަނޑޭ މިއަދު ޓްވިޓާއާއި ފޭސްބުކް މެދުވެރިކޮށް ޢާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޓޮޓެންހަމްއާ ދެކޮޅަށް ކުޅެން ނެގި މެލޭޝީއާ 11 ކުޅުންތެރިންގެ ސްކޮޑް ގައި އޭނާގެ ނަން ހިމަނާފައިވާކަމަށެވެ.
ދަގަނޑޭ ބުނީ އޭނާއަށް މި ފުރުސަތު ދިނުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މެލޭޝިއާއަށާއި މޭލޭޝިއާގެ ޤައުމީ ޓީމްގެ ކޯޗް ސެލާހް ދޮލާހްއަށް ޝުކުރު އަދާ ކުރާކަމަށެވެ.
ދޮލާހް އަކީ މިދިޔަ ސީޒަންގައި ޕީޑިއާރްއެމްއަށް ކޯޗްކޮށްދިން ކޯޗެވެ.
ދަނގަޑޭއަށް ފުރުސަތު ލިބުނީ އެޓީމްގައި ޤައުމުން ބޭރުގެ ފަސް ކުޅުންތެރިޔަކު ހިމެނުމުގެ ހުއްދައަށް މެލޭޝިއާގެ އެފްއޭގެ ރައީސް ތަންގަކޫ ޢަބްދުﷲ ސުލްޠާން އަޙްމަދު ޝާހުގެ އަރިހުން ދޮލާހް އެދުމުން އެކަމުގެ ހުއްދަ ޢަބްދުﷲ ސުލްޠާން ދެއްވުމުންނެވެ.
މެލޭޝިއާ ލީގްގައި ކުޅޭ ބޭރުގެ ފަސް ކުޅުންތެރިޔަކު ޓީމްގައި ހިމެނުމަށް ނިންމީ އެޤައުމުގެ ދެ ކުލަބް ކަމަށްވާ ޕާހާންގް އާއި ޖޭޑީޓީއަށް ކުޅޭ މެލޭޝިއާ ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިންނަށް އޭއެފްސީ ކަޕްގައި މެޗްތައް ކުޅެން ހަމަޖެހިފައިވުމުން ޓޮޓެންހަމްގެ މެޗްގައި ނުކުޅެވޭނެތީއެވެ.
ދަގަނޑޭއާއި ބެހޭގޮތުން މެލޭޝިއާގެ ދުވަހު ނޫހެއް ކަމަށްވާ ޔޫޓޫ ސަންއަށް މަޢުލޫމާތު ދެމުން ޞެލާހް ބުނެފައިވަނީ ދަގަނޑޭ އޭނާގެ ޓީމްގައި ހިމެނުމަށް ބޭނުންވަނީ ދަގަނޑޭއަކީ މިދިޔަ ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށްވެފައި އޭނާއަކީ މިފަދަ މެޗަކަށް މުހިންމު ކުޅުންތެރިއެއް ކަމުގައިވުމުން ކަމަށެވެ.
ޓޮޓެންހަމްއާ މެލޭޝިއާ ކުޅޭ މެޗް އޮންނާނީ މިމަހު 27 ވަނަ ދުވހުގެ ރޭގައެވެ.
މިމެޗް ފެށޭނީ ރާއްޖޭގަޑިން އެދުވަހުގެ ހަވީރު 5:45 ގައެވެ.