12 May 2015, 15:11
ނޭޕާލަށް މިއަދު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 29 އަށް އަރާފައިވާ ކަމަށް އެހީ ފޯރުކޮށްދޭ އޭޖެންސީތަކުން ބުނެފައިވާ ކަމަށް ބީބީސީ އިން ބުނެފި އެވެ.
އޭޖެންސީތަކުން މައުލޫމާތުދޭ ގޮތުގައި ހަތަރު މީހަކު މަރުވެފައިވާ އިރު ޒަޚަމް ވެފައިވާ މީހުންގެ އަދަދު އުޅެނީ 1000 އަށް ވުރެ މަތީގައި ކަމަށް ސީއެންއެން އިން ބުންޏެވެ.
މިއަދު އައި އެ ބިންހެލުމަކީ ވޭތުވެ ދިޔަ ދެ ހަފުތާއެއްގެ ތެރޭގައި ނޭޕާލަށް އައި ދެވަނަ ބާރުގަދަ ބިންހެލުމެވެ. ނޭޕާލަށް މިއަދު އައިސްފައި ވަނީ 7.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުމުގެ 30 މިނެޓް ފަހުން 6.3 މެގްނިޓިއުޑްގެ އާފްޓާ ޝޮކެއް ވަނީ ވެސް ވަނީ އައިސްފަ އެވެ. އެ ބިންހެލުން އައިސްފައި ވަނީ ކަތަމަންދޫގެ އިރުމަތީކޮޅުގައި އޮންނަ ރަމޭޗަޕް ޑިސްޓްރިކްޓަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ މިއަދު އައި 7.3 މެގްނިޓިއުޑްގެ އެ ބިންހެލުމަކީ 19 ކިލޯ މީޓަރު އަޑިން އައި ބިންހެލުމެއް ކަމަށާއި ބިން ހެލުން އައިސްފައި ވަނީ ނޭޕާލުގެ ހުޅަނގުން 68 ކިލޯ މީޓަރަށް، ނަމަޗޭ ބާޒާރަށް ކަމަށެވެ.
މިފަހަރު އައި ބިންހެލުމުގެ އަސަރު ކުޑަކޮށް އުތުރު އިންޑިއާ އާއި ބަންގްލަދޭޝް އަށް ވެސް ވަނީ ކޮށްފަ އެވެ.
މިދިޔަ މަހު ނޭޕާލް އަށް ފުރަތަމަ ބިންހެލުން އައިސްފައިވާ އިރު އެ ބިންހެލުން އައިސްފައި ވަނީ 7.8 މެގްނިޓިއުޑްގަ އެވެ. އެ ހަދިސާގައި 8،000 މީހުން މަރުވެ، 18،000 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.