26 Feb 2011, 18:17
އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުން އަންނަ ހަފްތާގައި އިސްތިއުފާ ދެއްވާނެ ކަމަށް، އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ފާއިތުވި ހަ އަހަރު ދުވަހު ފުރުއްވަމުން ގެންދަވާ ވަފާ ވަހީދު ވިދާޅުވެއްޖެ އެވެ.
ވަފާ މިއަދު ވިދާޅުވީ އަންނަ ހަފްތާގައި އަމީނިއްޔާގެ ޕްރިންސިޕަލް ކަމުން އިސްތިއުފާ ދެއްވުމަށް ސިޓީ ލައްވާނެ ކަމަށާއި އަދި މިދިޔަ ހަފްތާ އިން ފެށިގެން ބިލަބޮންގްގެ ޕްރިންސިޕަލްގެ މަގާމަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ.
އެއްހާސް ހަތަރު ސަތޭކަ އަށް ވުރެ ގިނަ ކުދިން އެއް ދަންފަޅީގައި ކިޔަވަމުން އަންނަ އަމީނިއްޔާގެ ޕްރިންސިޕަލް ކަމުން ވަފާ ވަކިވެވަޑައިގަތުމަށް ނިންމެވީ ސްކޫލް ހިންގުމުގައި ދަތިތަކާ ދިމާވަމުންދާތީ އާއި އަދި އެކަން ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހެޅުމުން ވެސް ހައްލެއް ލިބިފައިނުވާތީ ކަމަށް ވަފާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހަމަ މަސައްކަތް ކުރަން ދަތިވީމަ އަޅުގަނޑު ނިންމީ ކެނޑެން. މިދިޔަ ހަފްތާ އިން ފެށިގެން މިހާރު ބިލަބޮންގް އަށް މަސައްކަތް ކުރަން ފެށީ،" ވަފާ ވިދާޅުވި އެވެ.
މިވަގުތު ޗުއްޓީގައި ހުންނެވި ވަފާ ވިދާޅުވީ އޭނާ އަމީނިއްޔާ އިން ވަކިވެޑައިގަތުމަށް އުޅުއްވާ ވާހަކަ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމާލު އަލީ އަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
ވަފާ ވިދާޅުވީ 12 މެމްބަރުންގެ މައްޗަށް އެކުލަވާލާފައިވާ އަމީނިއްޔާ ބޯޑުގައި މަސައްކަތް ކުރުމަށް ވެސް ދަތިވަމުންދާ ކަމަށާއި އަދި ބޯޑުގެ ތެރޭގައި ޒާތީ ގޮތުން ވެސް ތަފާތު މައްސަލަތަކެއް ކުރުމަތި ކުރުވާ ކަމަށެވެ.
"އަމީނިއްޔާ ބޯޑު ތެރޭގައި ވެސް އެބަހުރި ފަންކްޝަން ކުރުމުގައި ތަފާތު މައްސަލަތައް." ވަފާ ވިދާޅުވި އެވެ.