12 May 2015, 14:56
ނޭޕާލަަށް އަނެއްކާ ވެސް 7.4 މެގްނިޓިއުޑްގެ ބިން ހެލުމެއް އައިސްފައިވާ އިރު ނޭޕާލުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
އެމިނިސްޓުރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ދިވެހިންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރުން ކަމަށާއި މިހާތަނަށް ބެލިބެލިމުން ދިވެހިންގެ ހާލަތު ރަނގަޅު ކަމަށެވެ.
"އަދި މޮނޮޓަރިންގައި މިއުޅެނީ ޑީޓޭއިލްއެއް އަދި ނޭނގެ." ފޮރިން މިނިސްޓުރީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޭޕާލުގައި ތިބި ދިވެހިންގެ އަދަދެއް އަދި ބުނަން ނޭނގޭ ކަމަށެވެ. ކުރީގެ ބިންހެލުމުގެ ސަބަބުން 91 ދިވެހިން ރާއްޖެ ގެނެސްފައިވާ އިރު އޭގެ ތެރެއިން ގިނަ ކުދިންތަކެއް ފުރައިގެން ގޮސްފައިވާ ކަމަށެވެ.
ނޭޕާލަށް ބާރުގަދަ ދެ ވަނަ ބިންހެލުމެއް މިއީ ކުރިން، 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 8،000 މީހުން މަރުވެ، 18،000 މީހުންނަށް އަނިޔާވިތާ މަދު ހަފުތާތަކެއް ނުވަނީހެވެ.