ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފައިނުވާ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހަޅައިވި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ ތެރޭ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ކޯޓުން ނުނިންމާ ކަމަށެވެ.

ޖައިލަމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތް ސަބަބެއް އެނގިފައެއްނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެރޭ ޖައިލަމް މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އެ މައްސަލައިގެ ޝަރީއަތް ނުފެށި ވަނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލައިގެންފައިނުވާތީ އެވެ.