ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވުމުގެ ކުރިން އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައުފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި އިސްމާއިލް ރައޫފްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. ހަމަ އެ ދުވަހު ވަނީ އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފަ އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި އިސްމާއިލް ރައޫފް އަދި ވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން ބުނެފައި ވަނީ ރައޫފަކީ މީގެ ކުރިން ވެސް ދޮންދަރިއަކަށް އަނިޔާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިން އާފިޔާ އަށް ވެސް ގޯނާކޮށްފައިވާކަން ތަހުގީގަށް ހާމަވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ރައޫފްގެ އަމިއްލަ ދަރިއަކަށާއި ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.