ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ފްރީޓްރޭޑް އެގްރީމެންޓުގެ ފުރަތަމަ ފޭހުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީ އިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ އެގްރީމެންޓްގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފީޒިބިލިޓީ ސްޓްޑީސް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން ފުރަތަމަ ފޭހުގެ މަސައްކަތްތައް މިހާރު ނިމިފައިވާ އިރު ޗައިނާ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް ކުރިއަށްގެންދަން ޖެހޭ ޕްލިމިނަރީ ސްޓަޑީސް ހަދައި ނިމިފައިވާ ކަމަށެވެ.

"ދެކޮޅުން ވެސް ދިވެހި ސަރުކާރުން ވެސް އަދި ޗައިނާ ސަރުކާރުން ވެސް މިހާރު ވަނީ އެ އެގްރީމެންޓް ހަދަން ޖެހޭ ފީޒިބިލިޓީ ސްޓަޑީޒް ހަދާ ނިންމާފައި. އަދި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ވަނީ ޑޮކިއުމަންޓް ވެސް ބަދަލުކުރެވިފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އެގްރީމެންޓްގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ މަހު ބެއިޖިންގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޓީމެއް ޗައިނާ ސަރުކާރާ އެކު މަޝްވަރާކުރާނެ ކަމަށާއި އެއަށް ފަހު ދެގައުމުގެ އިސްވެރިންގެ މަޝްވަރާތަކަށް ފަހު އެގްރީމެންޓުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ.

"މި މަސައްކަތް ފެށި އިރު ވެސް އަޅުގަނޑުމެން ދެންނެވި ފަދައިން އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ފްރީޓްރޭޑް އެގްރީމެންޓެއްގައި ސޮއިކުރުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ފްރީޓްރޭޑް އެގްރީމެންޓްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އިތުރަށް ފަސޭހަވެ އިންވެސްޓްމަންޓް ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެކޮނަމިކް މިނިސްޓްރީ އިން ބުންޏެވެ.