12 May 2015, 15:56
އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ބާއްވާ ހަވަނަ "ތްރީއާރު" ފޯރަމް އަންނަ އޯގަސްޓު މަހު މާލޭގައި ބާއްވަން ނިންމާފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯގަސްޓު މަހުގެ 17 އިން 19 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ފޯރަމްގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 30 ގައުމަކުން ބައިވެރި ވާނެ ކަމަށެވެ. އެގޮތުން އެ 30 ގައުމުން ޖުމްލަ 300 އެއްހާ މަންދޫބުން ބައިވެރި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ކަހަލަ ކުދި ޖަޒީރާތަކުގައި ކުނި ނައްތާލެވިގެން ދާނެ ގޮތްތަކާއި، ނައްތާލެވޭ ކުނީގެ އަދަދު މަދުކުރުމާ ބެހޭގޮތުން މައުލޫމާތު ދިނުން އެ ފޯރަމްގައި ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފޯރަމް ބޭއްވުމުގެ އެއްދުވަސް ކުރިން ތްރީއާރު ދުވަހެއް ފާހަގަ ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ކުނި މަދުކުރުމާއި ހެޔޮގޮތުގައި ކުނި ނައްތާލުމުގެ މަގްސަދުގައި އެއްބަސްވުމެއްގައި އެދުވަހު ސޮއި ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޯގަސްޓު މަހުގައި ބާއްވާ އެ ފޯރަމަށް ތައްޔާރު ވުމާއި އިތުރަށް މައުލޫމާތު ދިނުމަށް މިއަދު ވަނީ ވޯކްޝޮޕެއް ފަށާފައެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެ ވޯކްޝޮޕުގައި ރާއްޖޭގެ 52 ރިސޯޓަކުން ވަނީ ބައިވެރިވެފައެވެ.
ކުރިން ޖަޕާނު ސަރުކާރުގެ އިސްނެގުމުގެ މަތިން ބާއްވަން ފެށި އެ ފޯރަމް މިފަހަރު ބާއްވާނީ ޔުނައިޓެޑް ނޭޝަންސް ސެންޓަ ފޯ ރީޖަނަލް ޑިވެލޮޕްމެންޓް (ޔޫއެންސީއާރުޑީ) އިން އިންތިޒާމް ކޮށްގެންނެވެ.