12 May 2015, 14:37
މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކް ދަރުސް ދެއްވުމަށް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ޒިންބާބުވޭއަށް އުފަން މުފްތީގެ ދަރުސް އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ކަމަށެވެ.
އެ ދަރުހަކީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ "ދަ މެސެޖް ޕްރޮގްރާމް" ގެ ދަށުން މުފްތީ ދެއްވުމަށް ހަމަޖެހިފައިވާ ދަރުހެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ދުނިޔޭގެ ތަފާތު ގައުމުތަކުގައި ފަތުވާ ދެއްވުމުގައި މަޝްހޫރު ކަމެއް ހޯއްދަވާފައިވާ މުފްތީއަކީ ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމަންޓްގެ ހެޑް ވެސް މެއެވެ.
މުފްތީ ވަނީ މިގެ ކުރިން ވެސް ރާއްޖޭގައި ފަތުވާ ދެއްވައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދަ މެސެޖް ޕްރޮގްރާމްގެ ދަށުން މިމަހުގެ 15 ގައި ވެސް ދަރުސް ދެއްވުމަށް ބޭރުގެ އިލްމުވެރިއަކު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަން އަދި ފައިނަލްނުވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.