26 Feb 2011, 17:42
ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރީ ވެރިޔާ ކާނަލް މުއައްމަރުލް ގައްޒާފީ ހިންގަމުން އަންނަ ޖަރީމާތައް ކުށްވެރިކޮށް އޭނާގެ އިސްތިއުފާއަށް ގޮވާލައި ރާއްޖެ އިން އިސްނަގައިގެން އދ.ގެ ގަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ހާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.
ހާރިޖިއްޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ލީބިޔާގެ މަސްރަޙާ މެދު މަޝްވަރާކުރުމަށް ބޭއްވި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެ ކައުންސިލަށް ހުށަހެޅި ގަރާރުގައި ގޮވާލާފައި ވަނީ ލީބިޔާ ސަރުކާރުގެ އިސް ވެރިން އިސްތިއުފާދީ، މިހާރު އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ވަގުތުން ނިމުމަކަށް ގެނައުމަށްކަމަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ތާއީދާ އެކު ފާސްކުރުމަށް ހުސަހަޅާފައިވާ އެ ގަރާރުގައި ލީބިޔާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ފާއިތުވި ދުވަސްތަކުގައި އަޅާފައިވާ ފިޔަވަޅުތައް ތަހުގީގުކޮށް، އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ނަމަ އެ ކަމުގައި ކުށްވެރިވާ ބަޔަކާ ދެކޮޅަށް ޝަރީއަތްކުރުމަށް އެ ގަރާރުގައި ގޮވާލާފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ފަރާތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެ ގަރާރު ހުށަހަޅުއްވައި ދެއްވީ ރާއްޖޭގެ ފަރާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އިރުތިޝާމް އާދަމް ކަމަށް ދިވެހި ހާރިޖިއްޔާ އިން ބުންޏެވެ.
ދާދިފަހުން ރައީސުލްޖޫމްހޫރިއްޔާ މުހަންމަދު ނަޝީދު ވެސް ވަނީ ލީބިޔާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ދުނިޔޭގެ ލީޑަރުން ވެސް ގެންދަވަނީ ލީބިޔާގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ގައްޒާފީ ވެރިކަމުން ފައިބައިވަޑައިގަތުމަށް ހަރުއަޑުން ގޮވަލައިލައްވަމުންނެވެ.
ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ 42 އަހަރުވީ ވެރިކަން ވައްޓާލުމަށް އެގައުމުގެ ރައްޔިތުން މީގެ ހަފްތާއެއްހާ ދުވަސްކުރިން މުޒާހަރާ ކުރަން ފެށިއިރު އެގައުމުގައި ހަ ދިވެއްސަކު ތިބި ނަމަވެސް މިހާރު އެގައުމުގައި ތިބީ ތިން ދިވެހިންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހާރިޖިއްޔާ އިން ބުނީ އެ ކުދިންނާ ގުޅޭ މައުލޫމާތު އަދިވެސް ސާފުވެފައި ނުވާކަމަށެވެ.
ގައްޒާފީ ގެންދަވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ކުލީ ސިފައިންނާއި ބަރުހަތިޔާރުން ހަމަލާތައް ދެމުންނެވެ. ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
ކިތަންމެ ވަރަށް މުޒާހަރާ ކުރި ނަމަވެސް ވެރި ދޫކޮށްނުލައްވާނެ ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރައްވާނެ ކަމުގެ އިންޒާރު ގައްޒާފީ ވަނީ ދެއްވައިފަ އެވެ.
މިހާރު ލީބިޔާގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އެތައް އިސް މަސްއޫލުވެރިއަކާއި ލީބިޔާ ސިފައިންގެ އެތައް ހާސް ބަޔަކު ވެސް ވަނީ ގައްޒާފީގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވައި ރައްޔިތުންގެ ކޮޅަށް ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ގައްޒާފީގެ ވެރިކަމުގެ ނިޒާމުގެ އަސްކަރީ އަދި ސިޔާސީ އޮނިގަނޑު ރޫޅި ލީބިޔާގެ ގިނަ ރަށްތަކުގެ ކޮންޓްރޯލް ގައްޒާފީގެ ސަރުކާރަށް ގެއްލި އޭނާ ވަނީ ޓްރިޕޮލީގައި ހުންނަ ބާބުލްއަޒީޒިއްޔާ ކޭންޕްގައި ހިސާރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.