ތާޖުއްދީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އުޅުމުގެ ތެރޭގައި މައިބަދަ ބިންދައިގެން ދިޔަ ދަރިވަރަށް އެކަން ދިމާވީ އަމިއްލަ އަށް ފުންމާލުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.

"ވޯލް ކްލައިމްބް" ކުރަން އުޅުމުގެ ތެރޭގައި ވެއްޓި މައިބަދަ ބިނދިފައި ވަނީ އެ ސްކޫލުގެ ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އުމުރުން 16 އަހަރުގެ ރައިހާނާ ސަލީމަށެވެ. އިތުރު ފަރުވާ ދިނުމަށް ރައިހާނާ މިހާރު ވަނީ ޗެންނާއީ އަށް ގެންގޮސްފަ އެވެ.

ރައިހާނާގެ މައިބަދައަށް ގެއްލުންވިޔަސް ނާރަކަށް ގެއްލުމެއްވެފައި ނެތް ކަމަށް ޑޮކްޓަރުނާ ހަވާލާދީ އާއިލާ އިން މައުލޫމާތުދެ އެވެ.

ތާޖުއްދީން ސްކޫލް ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހް މިއަދު ސަން އަށް ވިދާޅުވީ ރައިހާނާ އަށް ގެއްލުން ވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އޭނާ އަށް އެކަން ކުރިމަތިވީ ވޯލް ކްލައިމްބިން އަމިއްލަ އަށް ފުންމާލުމުން ކަމަށެވެ.

"އެކުއްޖާ ކުރިކަމަކީ ވަކި ހިސާބަކަށް އަރާފައި ފުންމާލީ އިނގޭތޯ، ފުންމާލާ ގޮތަކަށް ނޫން ހަމަ ކުލައިމްކޮށްފައި ފައިބާ ގޮތަށް ލަފާ ދެމުން އަރުވަމުން ދިޔައީ. އެކަމަކު އެ ކުއްޖާ ފުންމާލީ. އެ އެއްޗަކީ 19 ފޫޓުގެ އެއްޗަކަށް ވިޔަސް އޭނަ ފުންމާލީ 19 ފޫޓަކުން ނޫން، ގާތްގަނޑަކަށް ހަތް ފޫޓުން އޭނަ ފުންމާލި ކަމަށް އަޅުގަނޑުމެން އިންވެސްޓިގޭޓް ހެދިއިރު އެގުނީ." އައިޝަތު ވިދާޅުވި އެވެ.

ރައިހާނާގެ އާއިލާ އިން ބުނަނީ އޭނާ ފުންމާލީ ނޫން ކަމަށާއި ކައްސާލައިގެން ވެއްޓުނީ ކަމަށެވެ.

ރައިހާނާ ވެއްޓުނު ގަޑީގައި ތަދުވިތޯ އެހުމުން ތަދުނުވާ ކަމަށް ބުނި ކަމަށާއި ފަހުން ތަދުވުމުން އޭނަ ހެލްތު ރޫމަށް ވެސް ދިޔައީ އޭނާ އަމިއްލަ އަށް ހިނގާފައި ކަމަށް ތާޖުއްދީން ސްކޫލް ޕުރިންސިޕަލް ވިދާޅުވި އެވެ. އިތުރަށް ތަދުވާކަމަށް ބުނުމުން ރައިހާނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ހަމަޖައްސައި ދިނީ ސުކޫލުގެ ހެލްތު އެސިސްޓެންޓް ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

ސޭފްޓީ ބެލްޓާއި ނުލައި ކުދިން ކްލައިމްބަށް އެރުވީ ކީވެގެންތޯ ސުވާލުކުރުމުން އައިޝަތު ވިދާޅުވީ އެގޮތަށް ނިންމީ ގިނަ ކުދިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެކުދިން އެކްލައިމްބަށް އަރުވަމުން ދިޔައީ ޓީޗަރުންނާއި ބެލެނިވެރިން ތިބެގެން ރަނގަޅަށް އޯގަނައިޒުކޮށްގެން ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.

އެކްލައިމްބަށް އެދުވަހު 600 ކުދިން އެރި އިރު ދެ ކުއްޖަކަށް ނޫން ކުއްޖަކަށް ގެއްލުމެއް ނުވާ ކަމަށާއި ރައިހާނާގެ އިތުރުން ދެން ގެއްލުންވި ކުއްޖާއަށް ވެސް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް އައިޝަތު ވިދާޅުވި އެވެ.

ރައިހާނާގެ ހާލު ސީރިއަސްކަން އެނގުމުން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންގި ކަމަށާއި މިނިސްޓްރީ އިން އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް އައިޝަތު ވިދާޅުވި އެވެ.