މިއަހަރުގެ އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ މާލޭގައި ކުޅޭ ހުރިހާ މެޗެއްގައިވެސް ކުޅިބެލުމުގެ އިންތިޒާމް ހިލޭ ހަމަޖެހިފައިވާ ކަމަށް ކްލަބުން ބުނެފި އެވެ.

ވިކްޓަރީގެ މެނޭޖަރ އަޙްމަދު އަޔާޒު ރަޝީދު މިއަދު ބުނީ ވިކްޓަރީ މާލޭގައި ކުޅޭ 3 މެޗުގެ ކުޅިބެލުން ހިލޭ ހަމަޖައްސަން ނިންމީ ކްލަބްގެ ބޯޑުން ކަމަށެވެ.

"މިއީވެސް ކްލަބަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގާ ކަންތައްތަކުގެ ތެރެއިން ކަމެއް. އެންމެ ބޮޑު ބޭނުމަކީ ސްޕޯޓަރުންނާއި ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓް ކުރާ ފަރާތްތައް މެޗަށްވަދެ ފުރިހަމަ ސްޕޯޓެއް ކުރުމަށް މަގުފަހިކޮށްދިނުން." އަޔާޒު ބުންޏެވެ.

އޭއެފްސީކަޕްގައި ވިކްޓަރީ މިއަހަރު ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ސިންގަޕޫރުގެ ތެމްޕައިނީސް ރޯވާޒް އާއި ދެކޮޅަށެވެ. މިގްރޫޕްގައި ދެން ހިމެނެނީ ވިިއެޓްނާމްގެ ޓީއެންޓީ އާއި ތައިލެންޑްގެ މުއަތޮންގ ޔުނައިޓެޑެވެ.

މީގެ ކުރިން ރާއްޖޭގެ އެއްވެސް ކްލަބަކުން އޭއެފްސީކަޕްގެ މެޗުތަކަށް ހިލޭ ދަނޑަށްވަނުން ހުޅުވާލާފައެއް ނުވެއެވެ.
ވިކްޓަރީއަށް 40 އަހަރު ފުރޭނީ މިއަހަރުގެ ޖުލައި 3 ވަނަ ދުވަހު އެވެ.