12 May 2015, 11:15
އެގާރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރުގައި ހުންނަވަނިކޮށް އަނބުރާ ރާއްޖެ އައުމަށް ކަރެކްޝަނަލް ސާވިސްއިން އަންގައިފި އެވެ.
ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ އޭޕްރީލް މަހު 10 ވަނަ ދުވަހުއެވެ.
ނާޒިމްގެ އާއިލާ މެމްބަރަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ ނާޒިމް ރާއްޖެ އަންނަންޖެހޭ ތާރީހު ހަމަ ނުވަނީސް އޭނާ ރާއްޖެ އައުމަށް ކަރެކްޝަނަލް ސާވިސްއިން އަންގާ ނާޒިމްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
"އެސިޓީގައި ބުނެފައިވަނީ ބޭސްފަރުވާ ނިމިއްޖެ ކަމަށް ހަބަރު ލިބިޖެއް ކަމަށް، އެހެންކަމުން އަނބުރާ ރާއްޖެ އައުމަށް،" އާއިލާއިން ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ނާޒިމްގެ އާއިލާއިން ބުނީ އެސިޓީގެ ޖަވާބެއްގެ ގޮތުގައި ބޭސް ފަރުވާ ނިމުމުން މިމަހު 24 ގައި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވާނެ ކަމަށެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ނާޒިމްގެ ހާލު މިހާރު ރަނގަޅެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް މާޗުމަހުގެ 27 ވަނަ ދުވަހު ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ނެވެ.