12 May 2015, 11:27
މޭޑޭގެ މުޒާހަރާއާ ގުޅިގެން އިތުރު 43 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މުޒާހަރާއާ ގުޅިގެން އިއްޔެ ދައުވާ ކުރަން ޕީޖީއަށް ފޮނުވި 43 މީހުންނާއެކު ޖުމްލަ 123 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން މިހާރު ވަނީ ފޮނުވާފަ އެވެ.
މޭޑޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 116 މީހަކު ފުލުހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
މޭ އެއްވަނަ ދުވަހުގެ މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ލިރޭޝަންސް ސޮބާހު ރަޝީދު ވެސް ފުލުހުން ވަނީ ހައްޔަރުކޮށް އެ ބޭފުޅުންގެ ތަހުގީގު ހިންގަންފަށާފަ އެވެ.
މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ގިނަ ބަޔަކު ހޯދަން އިއުލާންކޮށްފައިވާއިރު މިހާތަނަށް އެ މައްސަލާގައި 11 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.