12 May 2015, 10:53
އޭއެފްސީ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ)ގެ ގޮނޑިއާ އެކު އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ އެކިކަންކަމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އޭއެފްސީ އެކްސްކޯ މެންބަރު އަދި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
ބަހްރެއިންގައި ބޭއްވި އޭއެފްސީ ކޮންގްރެސް ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާރޕޯޓްގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޝަވީދު ވިދާޅުވީ މިދިޔަ އަހަރުތަކުގައި އޭއެފްސީގައި ރާއްޖެ އަށް ރެޕްރެޒެންޓޭޝަނެން ލިބިފައިވީ ނަމަވެސް އޭޝިއާގެ ފުޓްބޯޅައިގެ ރާއްޖެއަށް މާބޮޑު ބައިވެރިވުމެއް ލިބިގެންގޮސްފައި ނުވާ ކަމަށާއި އެހެންކަމުން މިދައުރުގައި އޭޝިއާގެ ފުޓްބޯޅައިގެ އެކިކަންކަމުގައި ރާއްޖޭ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރައްވަނެ ކަމަށެވެ.

ޝަވީދު އެއާޕޯޓް ވީއައިޕީއަށް ވެންނެވުމުން އެފްއޭއެމްއިން ޝަވީދަށް މަރުޙަބާ ދަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑު ބާލާލި އިރު އޭޝިއާގެ އެކި ކޮމިޓީތަކުގައި ރާއްޖޭގެ ފަރާތުން ބޭފުޅުންނެއް ނެތް ރެޕްރެޒެންޓްކޮށްފައެއް. އެހެންކަމުން މިފަހަރު އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ފުޓްބޯޅައިގެ އެކި ރޮނގުތަކުގައި މަސައްކަތް ކުރާ މީހުންނަށް އޭޝިއާގެ ލެވަލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް." ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ އޭޝިއާގެ އެކި ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެން ދިއުމަކީ ރާއްޖޭގެ ފުޓްބޯޅައަށާއި އެފްއޭއެމްއަށް ވެސް ލިބޭނެ ވަރަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ ކަމަށެވެ.

ޝަވީދު އެއާޕޯޓް ވީއައިޕީއަށް ވެންނެވުމުން އެފްއޭއެމްއިން ޝަވީދަށް މަރުޙަބާ ދަންނަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ