12 May 2015, 10:30
ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ރިއަލިޓީ ޝޯ ކަމަށްވާ "އެމެރިކަން އައިޑަލް" ކެންސަލް ކޮށްލައިފި ކަމަށް އެ ޝޯ ދައްކާ ޗެނަލް "ފޮކްސް" އިން ބުނެފި އެވެ.
ގިނަ އަހަރުތަކެއް ވަންދެއް މޮޅެތި ލަވަކިޔުންތެރިން އުފައްދަމުން އައި މުބާރާތް ކެންސަލް ކޮށްލުމަށް ނިންމާފައި ވަނީ އަހަރުތަކަށް ފަހު ޝޯގެ ރޭޓިންތައް ދައްވުމާ ގުޅިގެން ކަމަށް ފޮކްސް އިން ބުންޏެވެ.
ފޮކްސް އިން ބުނީ އެމެރިކަން އައިޑަލް ކެންސަލް ކޮށްލާފައިވާ އިރު އަންނަ އަހަރު އެޝޯ އަންނާނީ އޭގެ ފަހު ސީޒަން ކަމަށްވާ ސީޒަން 15 އާއެކު ކަމަށެވެ.
އަންނަ އަހަރު ޝޯގެ ފަހު ސީޒަންގައި އަންނާނީ މިފަހަރު ތިބި ޖަޖުން ކަމަށްވާ ޖެނިފާ ލޮޕޭޒް އާއި ކީތު އާބަން އަދި ހެރީ ކޮނިކް ޖޫނިއާ އެވެ. އަދި ޝޯގެ ހޯސްޓަކަށް ހުންނާނީ ރާޔަން ސީކްރެސްޓް އެވެ.
އެމެރިކަން އައިޑަލް 2002 ވަނަ އަހަރު ދައްކަން ފަށާފައިވާ އިރު އެންމެ ފުރަތަމަ އެޕިސޯޑަށް ވަނީ 12.69 މިލިއަން ވިއުސް ލިބިފަ އެވެ. އެގޮތުން މަޝްހޫރުކަން ހޯދަމުން ގޮސް 2006 ވަނަ އަހަރު އެ ޝޯގެ އެޕިސޯޑަކަށް 30 މިލިއަނަށް ވުރެ ގިނަ ވިއުސް އައީ ލިބެމުންނެވެ.
ޝޯގެ މަޝްހޫރުކަން ގެއްލެން ފަށާފައި ވަނީ 2011 ވަނަ އަހަރުގަ އެވެ. އޭރު ވެސް އެޕިސޯޑަކަށް 20 މިލިއަނަށް ވުރެ ގިނަ ވިއުސް އައީ ލިބެމުންނެވެ. ނަމަވެސް ބެލުންތެރިންގެ ޝައުގު ގެއްލެމުން ދިޔުމާ ގުޅިގެން މިއަހަރުގެ އެމެރިކަން އައިޑަލްގެ އެޕިސޯޑަކަށް ލިބިފައިވަނީ ނުވަ މިލިއަން ވިއުސް އެވެ.