12 May 2015, 10:23
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން ގައުމުން ބޭރުގައި 18 ބިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށް ދައްކާ ވާހަކަ އެ މިނިކުފާނު ދޮގު ކުރައްވައިފި އެވެ.
ރާޖަޕަކްސާ ހުކުރު ދުވު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މަނިކުފާނާއި އެ މަނިކުފާނުގެ އަަނބިކަަބަލުންނާއި އަދި ކޮއްކޮމެންގެ ނަމުގައި ބޭރުގައި ފައިސާ ނުހުންނާނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަރަމަރަވީރާ ބުރާސްފަތި ދުވަހު ދެއްވި މީޑިއާ ބްރީފިންއެއްގައި ވިދާޅުވީ ރާޖަޕަކްސާ އާއި އެ މަނިކުފާނުގެ އާއިލާގެ ނަމުގައި 18 ބިލިއަން ޑޮލަރު ބޭރުގެ އޮފްޝޯ އެކައުންޓްތަކުގައި ހުރި ކަމަށެވެ. އަދި އެ ގޮތުން މިހާތަނަށް ހޯދި ހޯދުންތަކުން ދުބާއީ ބޭންކްގައި ދެ ބިލިއަން ޑޮލަރު ހުރިކަން ހޯދިފައިވާ ކަމަށެވެ.
ރާޖަޕަކްސާގެ ބަޔާނުގައި ވިދާޅުވީ އެ މަނިކުފާނާއި އަދި އެ މަނިކުފާނުގެ އާއިލާ ބަދުނާމު ކުރުމަށް ވާހަކަތައް ދައްކާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ރާޖަޕަކްސާ ވިދާޅުވީ ލަންކާގައި އޭރު އެޅި ކޮންމެ ބޮޑު ގެއަކާއި ކޮންމެ ހޮޓަލަކީ އެ މަނިކުފާނުގެ އާއިލާ މީހުންގެ ތަންތަން ކަމަށް ވާހަކަ ދެއްކި ދުވަސްވަރެއް ވެސް ދިޔަ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ވައިގައި ނުހިފުމުން އެ މަނިކުފާނުގެ ސިޔާސީ ވާދަވެރިން އިތުރު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.