ވޯސޯ (މޭ 12) : ޕޮލެންޑްގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ލަފާކުރެވިފައިވާ ގޮތާ މުޅިން ޚިލާފަށް އެގައުމުގެ އިދިކޮޅު ލީޑަރު އެންޑްރޭ ޑޯޑާ، ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީ ގެ މައްޗަށް ކުރި ހޯއްދަވައިފި އެވެ.

ޕޮލެންޑްގައި މިދޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައެއް ނުވެއެވެ. ނަމަވެސް ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީގެ މައްޗަށް އިދިކޮޅު ލީޑަރު އެންޑްރޭ ޑޯޑާ، ވަނީ ކުރިހޯއްދަަވާފައެވެ.

ޕޮލެންޑްގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން އިއްޔެވަނީ އިންތިޚާބުގެ ދެވަނަ ބުރެއް އޮންނާނެކަން އިޢްލާންކޮށްފައެވެ.

މިއިންތިޚާބުގައި ޕޮލެންޑްގެ ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީ އަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އެއީ ވޯޓުގެ 33.8 އިންސައްތައެވެ. އޭނާގެ ވާދަވެރިޔާ އަދި އދިކޮޅު ލީޑަރު އެންޑްރޭ ޑޯޑާ އަށް ލިބިވަޑައިގަތީ 34.8 އިންސައްތަ ވޯޓެވެ. ނަމަވެސް އިންތިޚާބުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކަކުންވެސްް، ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީ އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރައްވާނެކަން ހާމަވެފައިވެއެވެ.

މުރާސިލުން ބުނާގޮތުން މިނަތީޖާގައި ތަފާތު ކުޑަކަމުން ދެވަނަ ބުރުގައި އިދިކޮޅު ލީޑަރުގެ މައްޗަށް ރައީސް ބްރުނިސްލާވް ކޮމޯރްވްސް ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވިދާނެއެވެ. (ބީބީސީ)