މޮސްކޯ (މޭ 12) : ރަޝިއާއާއި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން މެޑިޓަރޭނިއަން ކަނޑުގައި ފުރަތަމަ ފަހަރަށް އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

ހަފްތާއަކަށް ދިގުދެމިގެންދާ މި އަސްކަރީ ފަރިތަކުރުންތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޗައިނާގެ އަސްކަރީ ބާރު ވަރުގަދަވަމުންދާ ކަމުގެ ނިޝާނެއްގެ އިތުރުން މިއީ ޗައިނާއާއި ރަޝިއާގެ އަސްކަރީ ގުޅުންތައް ބަދަހިވާކަމުގެ މެސެޖެއް ހުޅަނގުގެ ގައުމުތަކަށް ލިބިގެންދާނެ އަސްކަރީ ހަރަކާތެއްކަމަށް ވަނީ ސިފަކުރެވިފައެވެ.

ޗައިނާގެ ކަނޑުގެ ސިފައިން މެޑިޓަރޭނިއަން ކަނޑުގައި މިހާތަނަށް އަސްކަރީ ހަރަކާތްތަކެއް ހިންގާފައެއް ނުވެއެވެ.

ނަމަވެސް ދާދިފަހުން ޗައިނާގެ އަސްކަރީ މަނަވަރުތަކެއް ވަނީ މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ކަޅުކަނޑުގައިވާ ރަޝިއާގެ ނޮފޯރޯސިސްކް ބަނދަރަށް ޒިޔާރަތް ކޮށްފައެވެ.

މެޑިޓަރޭނިއަން ކަނޑަކީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަރަށް ގިނައިން އަސްކަރީ ހަރަކާތްތައް ހިންގަމުން ގެންދާ ކަނޑެކެވެ. ފިނި ހަނގުރާމައަށްފަހު ރަޝިއާވެސްވަނީ މިކަނޑުގައި އަސްކަރީ ވުޖޫދު ވަރަށް ބޮޑަށް އިތުރުކުރަން ފަށާފައެވެ.

މެޑިޓަރޭނިއަން ކަނޑުގައި ހަރަކާތްތެރިވާ ރަޝިއާގެ ކަނޑުގެ ފްލީޓަށް ޚިދްމަތްދޭ މައި މަރުކަޒު ހުންނަނީ ސީރިއާގައެވެ. (އަލްޖަޒީރާ)