12 May 2015, 09:14
ބަޖެޓް ސްޕޯޓަށް ސައުދީ އިން ދޭން އެއްބަސްވި 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) ލިބިއްޖެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަމަށާއި އެގޮތުން އެގައުމުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދޭން އެއްބަސްވި 20 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.
HEP Yameen's state visit to brotherly Saudi Arabia starts materializing as we received US$20 M as budget support.#amazey_yageen
— Mohamed Shainee (@mshainee)May 11, 2015
މިދިޔަ މާޗް މަހު ފަހުކޮޅު ރައީސް ސައުދީ އަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ އަށް ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތައުލީމާއި ސިއްހަތާއި އަސްކަރީ އަދި އިސްލާމިކް އެފެއާޒް ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަށް ބޭނުންވާ އިންވެސްޓްމެންޓާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ދަތުރުގައި "ވަރަށް ބިނާކުރަނިވި" ކަންތައްތަކެއް ނިމިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
ސައުދީ ސަރުކާރުން ވަނީ ރާއްޖެ އަށް މަތީ ތައުލީމުގެ 150 ފުރުސަތެއް ދީފަ އެވެ. އޭގެ އިތުރުން ރާއްޖެ އަށް އިތުރު 1000 ހައްޖުކޯޓާ ދީފައިވާ އިރު ރާއްޖޭގައި އިންވެސްޓުކުރަން ވަނީ އެ ދަތުރުފުޅުގައި މަޝްވަރާކޮށްފަ އެވެ.