12 May 2015, 02:23
ޓެރަރިސްޓެއްގެ ގޮތުގައި އެމެރިކާއިން ލޭބަލްކޮށްފައިވާ އުސާމާ ބިން ލާދިން މަރާލި އޮޕަރޭޝަނާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދައްކާފައިވާ ވާހަކަ ތަކަކީ ދޮގެއް ކަމަށް ނޫސްވެރިކަމުގެ ބައިނަލް އަގުވާމީ އެވޯޑް ހޯދާފައިވާ ނޫސްވެރިއެއް ބުނެފި އެވެ.
ނޫސްވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ޕުލިޓްޒާ އެވޯޑު ހޯދާފައިވާ ސޭމާ ހާޝް ލިޔުނު ރިޕޯޓެއްގައި ބުނެފައި ވަނީ އަލްގައިދާގެ ލީޑަރު 2011 ވަނަ އަހަރު މަރާލީ ބަޑިން ހަމަލާދީގެން ކަމަށް ބުނެ، އެމެރިކާގެ ރައީސް ހައްދަވާފައި ވަނީ ދޮގު ކަމަށެވެ.
އެމެރިކާގެ ޖާސޫސީ އޮފިޝަލުންނާ ހަވާލާދީ ސޭމާ ހާޝް ލިޔުއްވާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ބިން ލާދިން މަރުވެފައި ވަނީ ޑްރޯން ހަމަލާއެއްގައި ކަމަށާއި އޭނާ މަރުވިއިރު އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމަށެވެ.
އަލްގައިދާގެ ލީޑަރު މަރާލުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ޕާކިސްތާނަށް ނޭނގޭ ކަމަށް ބުނެފައިވިޔަސް ޕާކިސްތާނަށް އެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދި ބިންލާދިން ވަކިން ގެއެއްގައި ދިރިއުޅެމުންދާ ކަމަށް އެމެރިކާއިން ބުނެފައިވީ ނަަމަވެސް ހަގީގަތުގައި ބިންލާދިން ހުރީ ޕާކިސްތާނުގެ އަސީރެއްގެ ގޮތުގަ އެވެ. އެ މައުލޫމާތުތައް އެ ނޫސްވެރިއާ އަށް ދީފައި ވަނީ އެމެރިކާގެ އިންޓެލިޖެންސްގައި މަސައްކަތް ކުރާ އޮފިޝަލުން ކަމަށް އޭނާ ބުންޏެވެ.
ބިންލާދިން މަރާލުމަށް ހިންގި އޮޕަރޭޝަނާއި ބެހޭ ގޮތުން އޮބާމާ ވިދާޅުވެފައި ވަނީ ސީލް ޓީމުން ސިއްރިޔާތުގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި ސީލް ޓީމާއި ބިންލާދިންގެ ހަށިފާރަވެރިންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރެވިފައިވާ ކަަމަށެވެ.

އުސާމާ މަރާލި އޮޕަރޭޝަން މަންޒަރު ބައްލަވަން އެމެރިކާގެ އިސް ބޭފުޅުން -- ފޮޓޯ: އިންޑިޕެންޑެންޓް
އިންޓަލިޖެންސްގައި ކުރިން މަސައްކަތްކޮށްފައިވާ އޮފިޝަލަކާ ހަވާލާދީ ނޫސްވެރިޔާ ބުނެފައި ވަނީ "އެތައް އަހަރެއް ވަންދެން ބިންލާދިން ހައްޔަރުކޮށްގެން ޕާކިސްތާނުން ގެންގުޅެފައިވާ" ކަމަށެވެ. އަދި ބިންލާދިން ހައްޔަރުކޮށްފައި ބެހެއްޓީ ތާލިބާނުންނާއި އަލްގައިދާގެ ހަރަކާތްތަކަށް ނުފޫޒް ފޯރުވަން ކަމަށް ނޫސްވެރިޔާ ބުނެފައިވެ އެވެ. ބިންލާދިން ހުރި ތަނަކާއި ބެހޭ މައުލޫމާތު އެމެރިކާ އަށް ދީފައި ވަނީ ދެ ގައުމުގެ ދެމެދުގައި 'ރަނގަޅު ގުޅުމެއް' ބާއްވާން ކަމަށެވެ. އަދި ޕާކިސްތާނުގެ އިސް އޮފިޝަލަކު ބިންލާދިންގެ ބޮލަށް ހުށަހަޅާފައިވާ 25 މިލިއަން ޑޮލަރުގެ ބައެއް ޕާާކިސްތާނުން ނަގާފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

އުސާމާ ދިރިއުޅުނު ކަމަށް ބުނާ ގެ -- ފޮޓޯ: އިންޑިޕެންޑެންޓް
ބިންލާދިން މަރާލުމަށް ހިންގި އޮޕަރޭޝަނަށް ޕާކިސްތާނުގެ ސަރުކާރުން އެހީތެރިވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. އެގޮތުން އެ އޮޕަރޭޝަން ހިންގާ ވަގުތު އެ ސަރަހައްދުން ކަރަންޓް ކަނޑާލައި ސަރަހައްދުގައި ތިބި ސިފައިންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލާފައިވާ ކަމަށެވެެ.
ބިންލާދިން މަރާލީ ޑްރޯން އެޓޭކެއްގައި ކަމަށް ބުނާނޭ ކަމަށް އެމެރިކާއާ ޕާކިސްތާނުން އެއްބަސްވެފައިވީ ނަމަވެސް ފަހުން އެވާހަކަ ބަދަލުކޮށް 'ފޭކް ސްޓޯރީ' އެއް ޖައްސާފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެމެރިކާގެ ވައިޓް ހައުސް ވަނީ މި ރިޕޯޓްގައިވާ މައުލޫމާތުތަކަކީ ދޮގު ކަމަށް ބުނެފަ އެވެ.