މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ދޫކުރި ފަސް ރަށެއްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 90.4 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ދައުލަތަށް ނުދައްކާ ކަމަށް ބުނެ، ވިލާ ގްރޫޕުގެ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ސަރުކާރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަދު އަންގައިފި އެވެ.

އިތުބާރު ހުރި ފަރާތަކުން "ސަން"އަށް މިރޭ ބުނީ ވިލާ ގްރޫޕުގެ އެކައުންޓުތައް ފްރީޒްކޮށް، ދައުލަތުގެ އިދާރާތަކުން ވިލާ އަށް ދެމުން ގެންދިޔަ ހިދުމަތްތައް ސަސްޕެންޑް ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން މީރާ އަށް މިއަދު އަންގާފައިވާ ކަމަށެވެ.

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެކައުންޓްތައް ފްރީޒުކުރަން ޖެހޭ 20 ރަށެއްގެ މައްސަލަ މީރާގައި އެބަ އޮތެވެ. އެ މަރުހަލާގައި ވަނީ މިހާރު ވެސް ހިންގަމުން އަންނަ އަށް ރިސޯޓަކާއި ތަރައްގީކުރަމުން އަންނަ 12 ރަށެކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީ އިން މީރާ އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ ދައުލަތަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒް ކުރަން ފެންނަ ކަމަށެވެ.

މީރާ އިން އެކައުންޓްތައް ފްރީޒު ކުރާނީ، އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގައި ހިންގާ ބޭންކުތަކަށް އަންގައިގެންނެވެ. ފުރީޒުކުރާ އެކައުންޓްތަކުން ދައުލަތަށް ފައިސާ ނެގުމަށް ފަހު، އެ ކުންފުންޏެއްގެ ވިޔަފާރީގެ ހުއްދަ ބާތިލުކުރުމާއި ދައުލަތުގެ ހިދުމަތްތައް އެ ކުންފުންޏަކަށް ދިނުން ހުއްޓާލާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ވިލާ ގްރޫޕުން ދައުލަތަށް ފައިސާ ދައްކަން ޖެހެނީ އެ ކުންފުންޏަށް ތަރައްގީ ކުރަން ހަވާލުކުރި، ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ކައްދޫ ސިޓީ ހޮޓަލާއި ހަނިމާދޫ ސިޓީ ހޮޓާ މަޝްރޫއާ ގުޅިގެން ހަދާފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީ އިން ބާތިލު ކުރުމުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ އެވެ.