11 May 2015, 21:29
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ތާޖުއްދީން ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން ވޯލް ކްލައިމްބިން ހަދަން އުޅެނިކޮށް ވެއްޓި މައިބަދަ ބިނދުނު ދަރިވަރު އިތުރު ފަރުވާއަށް މާދަމާ ހެނދުނު ޗެންނާއީ އަށް ފުރުވާލަން ނިންމައިފި އެވެ.
ވޯލް ކްލައިމްބިން ހަދަން އުޅެނިކޮށް ވެއްޓި މައިބަދަ ބިންދައިގެން ގޮސްފައި ވަނީ އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އުމުރުން 16 އަހަރުގެ ރައިހާނާ ސަލީމް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޑޮކްޓަރުގެ ލަފާފުޅާ އެއްގޮތަށް ވީ އެންމެއަވަހަކަށް ދަރިވަރުރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހި މިހާރު ވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާގެ ކަންތައް ހަމަޖެހިފައި ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނުގެ ވަގުތެއްގައި މޯލްޑިވިއަންގެ ފްލައިޓަކުން އެ ދަރިވަރާއި ދަރިވަރުގެ އާއިލާ ޗެންނާއީއަށް ފުރުވާލަން ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިހާދިސާ ދިމާވުމާވުމުން ތާޖުއްދީން ސުކޫލުންވަނީ އެ ދަރިވަރުގެ ބެލެނިވެރިންގެ އެހީއާ އެކު ދަރިވަރު ހޮސްޕިޓަލަށްގެންގޮސް ފަރުވާދީފައެވެ. އެ ހާދިސާ ހިނގިގޮތް ކިޔައިދެމުން ރައިހާނާގެ ބޭބެ ސަން އަށް ބުނީ ވޯލް ކްލައިމްބިން ހަދަން އެންމެ ސޭފްޓީ ބެލްޓެއް އެތަނުގައި ހުރުމުން ދަރިވަރުން އެރީ ސޭފްޓީ ބެލްޓު ނުލައި ކަމަށެވެ. އަދި ރައިހާނާ ވެއްޓުނީ ވެސް އެގޮތަށް އަރައިހުއްޓައި ކަމަށް އޭނާ ބުންޏެވެ.
ތާޖުއްދީން ސުކޫލުގެ ދަރިވަރަށް މި ދިމާވި ހާދިސާއާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވަނީ އެ ދަރިވާރާއި ދަރިވަރުގެ އާއިލާ އާއި މިއަދު ބައްދަލުކުރައްވާފައެވެ.