މިއަހަރުގެ އޭ އެފް ސީކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑޮނޭޝިއާގެ ސްރީވިޖަޔާއާއި ދެކޮޅަށް ވީބީ ކުޅޭ ފުރަތަމަ މެޗަށް މިރޭ ފުރާއިރު ޓީމުގެ މުހިއްމު 5 ކުޅުންތެރިން ބައިވެރިނުވާނެ ކަމަށް ކްލަބުން ބުނެފި އެވެ.

ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) ބުނީ މިމަހުގެ 1 ވަނަ ދުވަހު އިންޑޮނޭޝިއާގެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން މިރޭ ފުރާ ޓީމުގައި ޑިފެންޑަރ އިބްރާހީމް އަބްދުﷲ އާއި ފޯވަޑް އިސްމާއީލް އީސާ(މެސީ)ގެ އިތުރުން ސުއައިބު ބައިވެރިނުވަނީ އަނިޔާގެ ސަބަބުން ކަމަށެވެ.

"އިއްބެ ހުރީ އަނިޔާގައި. ލަފާ ކުރެވޭ ގޮތުގައި އޭނާ އޮޕަރޭޝަކަށްދާން ޖެހޭނެ. މެސީގެ އެންކަލްއަށް އަނިޔާވެފައިވާކަން ކަށަވަރުވީ މިއަދު. އެހެންވެ އޭނާވެސް ފަރުވާ ކުރަން ބަހައްޓާފައި މި ފުރަނީ. ސުއައިބުގެ އަނިޔާ މިހާރު ރަނގަޅުވެފައިވިއަސް އަދިވެސް އޭނާ މުޅިން ފިޓެއް ނުވޭ." ސަތޯ ބުންޏެވެ.

ސަތޯ ބުނީ މި 3 ކުޅުންތެރިންގެ އިތުރުން 23 އަހަރުންދަށުގެ ޤައުމީ ޓީމުގައި ހިމެނޭ ވީބީގެ ދެ ކުޅުންތެރިންވެސް ދަތުރުގައި ބައިވެރިނުކުރާ ކަމަށެވެ.

"އެދެ ކުޅުންތެރިން ބައިވެރިނުކުރަން ނިންމީ ޤައުމީ ޓީމުގައި އެ ކުޅުންތެރިން ޕްރެކްޓިސް ކުރަމުންދާތީ އެ ޓީމަށް އިސްކަން ދިނުމުގެ ގޮތުން" ސަތޯ ބުންޏެވެ.

ވީބީގެ ކެޕްޓަންކަމުން އަލީ އަޝްފާގު(ދަގަނޑޭ) ވަކިކޮށްފައިވާ ކަމަށްވެސް ސަތޯ ބުންޏެވެ. އެކަމުގެ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ޓީމު މިރޭ ފުރުމުގެ ކުރިން އާ ކެޕްޓަން އިއުލާން ކުރާނެ ކަމަށް ސަތޯ ވަނީ ބުނެފައެވެ. ނަމަވެސް ސަތޯ މިއަދު ބުނީ މިވަގުތަށް ކެޕްޓަނެއް ހަމަޖައްސަން ނިންމާފައިނުވާ ކަމަށެވެ.

"މިކަންތައްތަކާ ގުޅިގެން ވަރަށް ބޮޑެތި ނިންމުންތަކެއް ކްލަބުން މި ނިންމީ. އެހެންވެ މި ވަގުތަށް ކެޕްޓަނެއް ރަސްމީކޮށް ހަމަނުޖައްސާ އޭ އެފްސީކަޕް މެޗުގެ ފުރަތަމަ 11އަށް އަރާ ކުޅުންތެރިންގެ ތެރެއިން ކްލަބްގައި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާއަށް ބޭންޑްދޭން ކޯޗު ވަނީ ނިންމާފައި." ސަތޯ ބުންޏެވެ.