މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިދިިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 10 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މިއަދު 3:30 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ގ. ބްލޫވޭވް ފަރުހަތު އަލީ،52 އެވެ.

ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފަރުހަތުގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނަކީ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48 އާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 އަދި ގދ. ގައްދޫ ނީލޯފަރުމާގޭ އުމަރު ގާހިރު،22 އެވެ.

އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެނުން އަންނަ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.

ފަރުހަތުގެ އިތުރުން އިތުރު ހަ މީހަކު ހޯދަން ވެސް ފުލުހުން ވަނީ އެމީހުންގެ ފޮޓޯ އާންމުކޮށްފައެެވެ.

ފޮޓޯއިން ފެންނަ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3332111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފޮޓޯއިން ފެންނަ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭނެކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ހޯދުމަށް ފުލުހުން ވަނީ މީގެކުރިން ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

މުޒާހަރާގައި އަނިޔާލިބުނު ދެ ފުލުހުންނަށް އިތުރު ފަރުވާދިނުމަށް ވަނީ ސްރީލަންކާއަށް ފޮނުވާފައެވެ. އެ ދެ ފުލުހުންގެ ސިއްހީ ހަލާތާ ބެހޭ ފަހުގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފައިވާތީ، ބައެއް ސިޔާސީ ޕާޓީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގާފާނެ ކަމަށް އެކޮމިޝަނުން ގަބޫލުނުރާ ކަމަށެވެ. އެހެންނަމަވެސް މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައިފިނަަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ސުލައިމާން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ބޭއްވި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާފައިވާތީ އަދާލަތު ޕާޓީ 33،000 ރުފިޔާ އިން އަދި އެމްޑީޕީ 47،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނެފައި ވަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ޖޫރިމަނާ ކުރުމަކީ އިލްކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދާލަތު ޕާޓީން ވަނީ ޖޫރިމަނާކުރި ކުރުން އަލުން މުރާޖާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.