ސައިރިކްސް ކޮލެޖުން އަންނަ ޖޫންމަހު ފަށަން ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

ސައިރިކްސް ކޮލެޖުން ފަށަން ހަމަޖައްސާފައި ވަނީ މާސްޓާސް ޑިގްރީގެ އެއް ކޯހަކާއި ބެޗެލާސް ޑިގްރީގެ ހަތް ކޯހެއްގެ އިތުރުން ޑިޕްލޮމާ ލެވެލްގެ އަށް ކޯހެކެވެ. އޭގެ އިތުރުން ތަފާތު ދާއިރާތަކުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

މާސްޓާސް ޑިގްރީ ކޯހަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާގެ ކޯހެކެވެ. ވެޗެލާސް ޑިގްރީ ކޯސްތަކުގެ ތެރޭގައި ހިއުމަން ރިސޯސް، ފައިނޭންސް، މާކެޓިން، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ސޮފްޓްވެއާ ޑިޒައިން އަދި ވެބް ޕްރޮގްރާމިންގެ އިތުރުން ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.

ޑިޕްލޮމާ ލެވެލްގެ ކޯސްތަކުގެ ތެރޭގައި އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ހާޑްވެއާ އަދި ނެޓްވޯކް އެޑްމިނިސްޓްރޭޝަނާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ބިޒްނަސް މެނޭޖްމަންޓާއި ހިއުމަންރިސޯސް މެނޭޖްމަންޓާއި އެކައުންޓިން އަދި ފައިނޭންސްގެ އިތުރުން ސައިކޮލޮޖީ އަދި ޕްރައިމެރީ އެޑިއުކޭޝަން ހިމެނެ އެވެ.

އޯލެވެލް އިމްތިހާނުން ތިން މާއްދާއިން ފާސްނުވާ ކުދިންނަށް ސެތްފިކެޓް ތިނެއް ފުރިހަމަކުރުމަށް ފަހު ޑިޕްލޮމާ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށް ސައިރިކްސް ކޮލެޖުން ނެރުނު އެނައުންސްމެންޓެއްގައި ބުންޏެވެ.

ކޯސްތަކަށް އެދި ފޯމް ހުށަހެޅޭނީ އަންނަ ޖޫން މަހު ނުވަ ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިންނެވެ. އެޕްލިކޭޝަން ފޯމް ސައިރިކްސް ކޮލެޖްގެ މާފަންނު، ގަލޮޅު އަދި މައްޗަންގޮޅި ކެމްޕަހުން ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން އެ ކޮލެޖްގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.