ރިޔާޒް (މޭ 11) : އަންނަ ބުދަ ދުވަހު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބާއްވާ އެމެރިކާ އާއި ގަލްފުގެ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ސައޫދީ އަރަބިޔާގެ އިތުރުން ގަލްފުގެ އިތުރު ތިން ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައި ނުގަތުމަށް ނިންމަވައިފި އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު ބާއްވާ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަތުމަށް އެންމެފަހުން ނިންމެވި އަރަބި ތިން ވެރިންނަކީ އޮމާންގެ ރަސްގެފާނު ގާބޫސް ބިން ސައީދު އާއި ބަޙްރައިންގެ ރަސްގެފާނު ޝައިޚް ޙަމަދު ބިން އީސާ ބިން ސަލްމާން އާލް ޚަލީފާ އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އާލް ނިހްޔާނެވެ. އޮމާންގެ ރަސްކަމުގެ ދީވާން ބުނާ ގޮތުން ސުލްތާން ގާބޫސް އުޅުއްވަނީ އާލާސްކަންފުޅާކަމަށް ވާތީ ގާބޫސްގެ ބަދަލުގައި ކޭންޕްޑޭވިޑްގެ ސަމިޓަށް ވަޑައިގަންނަވާނީ ބޮޑުވަޒީރުގެ ނައިބު ސައްޔިދު ފަހްދު ބިން އާލް ސައީދު އެވެ.

ބަޙްރައިންގެ ރަސްގެފާނާއި ޔޫ.އޭ.އީ ގެ ރައީސް ސަމިޓަށް ޙާޒިރުވެ ވަޑައިނުގަތުމަށް ނިންމެވި ސަބަބެއް އެ ދެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ. ބަޙްރައިންގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ ކޭންޕްޑޭވިޑްގެ ސަމިޓްގައި ބައިވެރިވާ އެ ގައުމުގެ ވަފްދުގެ އިސްވެރިއަކަށް ހުންނަވާނީ ވަލީއުލްއަހްދު ސަލްމާން ބިން ޙަމަދު ބިން އީސާ ބިން ސަލްމާން އާލްޚަލީފާ ކަމުގަ އެވެ. ޔޫ.އޭ.އީން ބުނެފައި ވަނީ އެ ގައުމުގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒާޔިދު އާލްނިހްޔާންގެ ބަދަލުގައި ކޭންޕްޑޭވިޑަށް ވަޑައިގަންނަވާނީ ވަލީއުލްއަހުދު ޝެއިޚް މުހައްމަދު ބިން ޒާޔިދު އާލްނިހްޔާން ކަމުގަ އެވެ.

އަނެއްކޮޅުން ގަލްފުގެ އަރަބި ގައުމުތައް އެންމެ އިސް ގައުމެއްގެ ގޮތުގައިދެކޭ ސައޫދީ އަރަބިޔާއިން ވަނީ ކޭންޕްޑޭވިޑް ސަމިޓްގައި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ބަދަލުގައި ސައޫދީ ދައުލަތް ތަމްޘީލް ކުރައްވާނީ އެގައުމުގެ ވަލީއުލްއަހްދު މުޙައްމަދު ބިންނާއިފް ބިންއަބްދުލްއަޒީޒް ކަން އިޢްލާންކޮށްފަ އެވެ.

ކޭމްޕް ޑޭވިޑް ސަމިޓަކީ އީރާނާއި އެމެރިކާ ގާތްވަމުންދާތީއާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލާފަދަ އެއްބަސްވުމަކަށް އެގައުމާއި ދުނިޔޭގެ ބާރުތައް ދާތީ އެކަމާމެދު ސައޫދީ އަރަބިޔާއާއި ގަލްފު ގައުމުތައް ހިތްހަމަނުޖެހޭ މައްސަލައާމެދު ބަޙްޘް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިސް ނަންގަވައިގެން ބާއްވާ ސަމިޓެކެވެ.

މެދުއިރުމަތީގައި އީރާނުގެ ބާރާއި ނުފޫޒު ގަދަވަމުންދާ ކަމަށްބުނެ ސައޫދީ އަރަބިޔާ އާއި ގަލްފުގެ އަރަބި ގައުމުތަކުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާމެދު ކޭމްޕް ޑޭވިޑް ސަމިޓްގައި ބަހުޘް ކުރެވޭނެ ކަމަށް އެމެރިކާ ބުނެއެވެ. މިސަމިޓަށް ތައްޔާރު ވުމުގެގޮތުން ގަލްފުގެ (ޖީސީސީ ގެ) ގައުމުތަކުގެ އިސް ލީޑަރުން މިދިޔަ ހަފްތާގައި ސައޫދީ އަރަބިޔާގެ ރިޔާޒްގައިވަނީ ބައްދަލުކުރައްވާފައެވެ. އަދި ޖީސީސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވެސް ވަނީ މިދިޔަ ހަފްތާގައި ޕެރިހުގައި ބައްދަލުކުރައްވާފައެވެ.

ގަލްފުގެ ގައުމުތަކުގެ އިސްވެރިންނާ ބޭއްވުމަށް އޮބާމާ ރާއްވަވާފައިވާ މި ސަމިޓަށް ޙާޒިރުވެ ވަޑައިނުގަތުމަށް ގަލްފުގެ ގިނަ ގައުމުތަކުގެ އިސްވެރިން މިނިންމެވީ އީރާނާމެދު އެގައުމުތަކުން ގެންގުޅޭ ރުޅިއާއި ނަފްރަތާ ގުޅިގެންކަމަށްވަނީ ބެލެވިފައެވެ. މިކަމުގެ ބޭނުމަކީ އީރާނާ އެމެރިކާ ގާތްވަމުންދާ މައްސަލާގައި އޮބާމާއަށް ފިއްތުންތައް ކުރިމަތި ކުރުން ކަމަށް މުރާސިލުން ބުނެއެވެ.

އީރާނަކީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އާދަޔާ ޚިލާފު ހިއްވަރާއި ބުރަ މަސައްކަތާއެކު ސައެންސާއި ޓެކްނޮލޮޖީ ޙާސިލްކޮށް ގެން އެގައުމުގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި ގަދަކޮށް އެގައުމަށް އިޢްތިރާފް ވުމަށް އެމެރިކާއަށް މަޖްބޫރުކުރި ގައުމެކެވެ.

އީރާނުގެ މައްސަލާގައި ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތައް މިގޮތަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތި ކުރާއިރު އިސްރާއީލުން ފަލަސްތީނު އަޅުވެތިކޮށް މާތްވެގެންވާ މަސްޖިދުލްއަގްސާއާއި ގުދްސާއެކު ފަލަސްތީނުގެ ބިންތައް ހިފައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާތައް ކުރަމުން ގެންދާތާ 67 އަހަރު ވީއިރުވެސް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ގަލްފުގެ ގައުމުތަކުން އެމެރިކާއަށް މިފަދަ އެއްވެސް ފިއްތުމެއް ކުރިމަތިކޮށްފައެއް ނުވެއެވެ.

ގަލްފުގެ ހަތަރު ގައުމެއްގެ އިސްވެރިން އޮބާމާގެ ސަމިޓް ބޮއިކަޓް ކުރުމާގުޅިގެން ވައިޓް ހައުސް ކަންބޮޑުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އީރާނަކީ ނިއުކްލިޔަރ ހަތިޔާރުގެ އޮޅިގަނޑުގައިވާ ގައުމަކަށްވެފައި ގަލްފުގެ ގައުމުތަކެކޭ އެއްވަރަށް ތެލާއި ގުދްރަތީ ގޭހާއި އެނޫންވެސް ގުދްރަތީ ވަސީލަތްތައް ހުރުމާއެކު ހިޔުމަން ރިސޯސްވެސް އީރާނުން ވަރަށްބޮޑަށް ތަރައްގީ ކޮށްފައިވާތީ އެމެރިކާއަށް މިހާރު އެންމެ މަސްލަހަތު ބޮޑީ އީރާނާ ދިމާކުރުމުގެ ބަދަލުގައި އީރާނާއެކު ގުޅުންތައް ގާއިމް ކުރުން ކަމަށް ސްޓްރެޓީޖިކް ދިރާސާތައް ބުނެއެވެ.

އެހެންކަމުން އީރާނާ ގާތްވުމަށް އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓާލުމުގެ ބަދަލުގައި އެމެރިކާ ސަމާލުކަންދޭނީ ގަލްފުގެ ގައުމުތައް ރުއްސުމަށްކަމަށްވަނީ ބެލެވިފައެވެ. ކޭމްޕްޑޭވިޑްގެ ސަމިޓަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ގަލްފުގެ ހަމައެކަނި އިސް ދެ ލީޑަރުންނަކީ ކުވޭތުގެ އަމީރު ޝައިޚް ސަބާޙުލްއަޙްމަދުއްސަބާޙް އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލްޘާނީއެވެ. (ނޫސްއެޖެންސީތައް)