އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކަށް އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށްލާން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފައި ވަނީ ގއ.ކަނޑުހުޅުދޫ، ޑޭޒީމާގެ، އަހުމަދު ބަދުރީ 46، ގެ މައްޗަށެވެ.

ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެ އަތޮޅު ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ހަތް އަހަރުގެ އަންހެން ކުއްޖާ ޑޮކްޓަރަށް ދެއްކުމުން ފުލުހުންނަށް ލިބިފައިވާ މެޑިކަލް ރިޕޯޓް ތަކުން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ބަދުރީއާ ސުވާލު ކުރުމުން ކުޑަ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގިކަމަށް އިޢުތިރާފްވެ ކަން ހިނގާ ދިޔަގޮތް ފުލުހުންގެ ތަހުގީގަށް އޭނާ ވަނީ ކިޔައިދީފަ އެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާ ބެލުމަށްފަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ މިއަހަރު އެކި ދުވަސް މަތިން އަހްމަދު ބަދުރީ ހަތް އަހަރުގެ އަންހެން ކުއްޖާއާމެދު ތަފާތު އެކިފަހަރު މަތިން ޖިންސީ އަމަލު ހިންގާފައި ވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އުފުލި ދައުވާ އަށް އޭނާ އިއުތިރާފް ވެފައިވާ ކަމަށެވެ.