މާލޭގެ މަގުތަކަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އިސްބާހް އިސްމާއިލް

އެ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލޭގައި އެންމެ ފެންބޮޑުވާ ފަސް ސަރަހައްދެއްގައި ޕަމްޕް ހަރުކޮށް މޫދާ ގުޅާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހުޅުމާލޭ ފެރީ ޓާމިނަލް އާއި މާލޭ ހުޅަނގު ދެކުނު ސަރަހައްދު އަދި ހައުސިން މިނިސްޓްރީ ސަރަހައްދުގައި އެ ޕަމްޕްތައް ހަރު ކުރެވޭނެއެވެ.

މިނިސްޓަރު ވިދާޅުވީ ހަތް މަސް ތެރޭގައި ދެ ވަނަ ފިޔަވަހީގެ މަސައްކަތް ނިމިގެންދާއިރު އެ މަސައްކަތައް ޖުމްލަ 14.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މަސައްކަތް ނިމިފައިވާ ތިން ސަރަހައްދެއްގައި ވެސް އެ ޕްރޮޖެކްޓްގެ ދަށުން ޕަމްޕް ހަރުކުރާނެ އެވެ. ފެން ނެގުމަށް އަށް ވަޅު އިތުރަށް ކޮންނާނެ ކަމަށް ހައުސިން މިނިސްޓްރީ ބުންޏެ އެވެ.