11 May 2015, 16:01
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.
އިމްރާންގެ އަޑުއެހުން މިއަދު ބާއްވާފައި ވަނީ 2:00 ގައެވެ. އަދި އަލީ ވަހީދުގެ އަޑުއެހުން ބާއްވާފައި ވަނީ އެ އަޑުއެހުން ނިމުމުންނެވެ.
ބަންދުގެ މައްސަލަތަކުގައި އާއިލާގެ މީހުން ފިޔަވައި ޝަރީއަތް އަޑުއަހަން އިތުރު ބަޔަކު ނުވައްދައެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު އަލީ ވަހީދު ދޫނިދޫއަށް ގެންދިޔުމަށްޓަކައި ފުލުހުންގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ އަޑުއެހުމަށްފަހު އިމްރާނާއި އަލީ ވަހީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖެހީ މިމަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި އެ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭތީ ކަމަށެވެ.
ސުއޫދު ވިދާޅުވީ ދައުލަތުން އެހެން ބުނިކަމުގައިވިޔަސް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަންދުގެ މުއްދަތު އިތުރުކުރި ސަބަބުތަކުގެ ތެރޭގައި އެބޭފުޅުން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކާވާ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށާއި އެކަން މިއަދު ހައިކޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަލީ ވަހީދާއި އިމްރާންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދާއި އަލީ ޒާހިރު ހައިކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިމްރާނާއި އަލީ ވަހީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ގަވާއިދުގައި ބުނާ ގަޑިއަށްވުރެ ފަސް ވަގުތެއްގައި ކަމަށް ސުއޫދު މިއަދު ހައިކޯޓުގައި ވަނީ ބުނެފައެވެ.
އޭނާ ވިދާޅުވީ އަލީ ވަހީދުގެ ސިއްހީ ހާލަތު ވަރަށް ދައްކަމަށާއި އެކަމާ ގުޅިގެން ހަދަންޖެހޭ ޓެސްޓުތައް ވެސް ހެދޭނެ ގޮތެއް ނެތް ކަމަށެވެ.
ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި އަލީ ވަހީދު ޑޮކްޓަރަށް ދެއްކުމަށްޓަކައި ދެފަހަރެއްގެމަތިން މާލެގެނެސްފައިވެއެވެ.
ފުލުހުން އަލީ ވަހީދާއި އިމްރާން ހައްޔަރުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގަ އެވެ.