26 Feb 2011, 17:02
ފުވައްމުލަކު އަތޮޅު ކައުންސިލަށް ރައީސަކާއި ނާއިބު ރައީސަކު ހޮވުމަށް ތިން ފަހަރަށް ވޯޓު ލުމުން ވެސް ޑީއާރުޕީ މެންބަރުންނާއި އެމްޑީޕީ މެންބަރުންނަށް ލިބުނު ވޯޓު އެއްވަރުވެ "ޑެޑްލޮކް" ވެއްޖެ އެވެ.
ފުވައްމުލަކުގައި ހުންނެވި އައްޑޫ ޕްރޮވިންސްގެ ނައިބު އަލީ މުހައްމަދު މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލަށް ހޮވިފައި ތިބި ހަ މީހުންގެ ތެރެއިން ތިން މެމްބަރުންނަކީ ޑީއާރުޕީ މެންބަރުން ކަމަށާއި އަދި އަނެއް ތިން މެމްބަރުންނަކީ އެމްޑީޕީ ތިން މެމްބަރުން ކަމަށެވެ. އަދި ތިން ފަހަރަށް ވޯޓުލުމުން ވެސް، އެމްޑީޕީއާއި ޑީއާރްޕީން ވާދަކުރައްވާ މެމްބަރުންގެ ވޯޓު ވަނީ އެއްވަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީ މިހާރު އެކަމަށް އަދިވެސް އޮތީ ވަކި ގޮތެއް ނުނިންމި ކަމަށެވެ. އަދި މިރޭ 10:00 ޖަހާއިރު އޮންނަ ކައުންސިލް ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ގާނޫނުގައި މިގޮތަށް އެއްވަރުވީމަ ހަދާނެ ވަކި ގޮތެއް ބުނަފައެއްނެތް. ދެން އެއްވެސް މެމްބަރަކު ދޫކުރާ ގޮތަކަށް ނޫން އަދިތިބީކީ" އަލީ މުހައްމަދު ވިދާޅުވި އެވެ.