ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަށް މިއަދު ނިންމާލައިފި އެވެ.

މަލީޝާގެ ވެރިޔާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8,626,000ރ. ނެގުމަށްފަހު އެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި އެދައުވާ ކޮށްފައިވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެ ދައުވާގައި ބުނެފައިވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުންވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ދެން އޮއްނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެއް ކަމަށެވެ.

ދައުލަތުން މަލީޝާގެ ވެރިޔާ އިސްމާއިލް މުހައްމަދު( މާލު) ގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް ހައްޖަށް ގެންދިއުމަށް ގިނަބައެއްގެ އަތުން ފައިސާ ނެގިކަމަށް މާލު ވަނީ އެއްބަސްވެފަ އެވެ. ހުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދިނުމުން މާލުގެ ވަކީލު ވިދާޅުވީ އެ ފައިސާ މާލު ނަގާފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ދިނުމުން ކަމަށާއި އެ ފައިސާ ނެގުމުގައި އެއްވެސް ނުބައި ނިޔަތެއް އޭނާގެ ނެތް ކަމަށެވެ.

މަލީޝާގެ ވެރިޔާގެ ހިޔާނާތުގެ މައްސަލައިގައި ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކުރެވުނު އެންމެންވެސް ބުނެފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު "ފައިސާ ލިބުނުކަމުގެ ލިޔުން" ވެސް މަލީޝާއިން އެމީހުންނަށްދީފައިވާ ކަމަށެވެ.

ހައްޖަށް ގެންދިއުމަށް ކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގާފައިވީ ނަމަވެސް އޭގެތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންގޮސްފަ އެވެ. އަދި މިހާރު އެމީހުން އެއްބަސްވެފައި ވަނީ ޝަރީއަތުން އެފައިސާ އަނބުރާ ލިބުމުން ދައުލަތަށް އެ ފައިސާ ދެއްކުމަށެވެ.