މއ. އައިޝާ ހުސައިން ވަހީދު މަރާލި ކުއްޖާ އާއި އޭނާ މަރާލުމުގައި ބައިވެރިވި ކުއްޖާ މެރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެ ދެ ކުދިންގެ ތެރެއިން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލި ކުއްޖާ ދައުވާއަށް އިންކާރުކޮށްފައިވީނަމަވެސް އެކުއްޖާއާ ދެކޮޅަށް ފަސް މީހަކު ހެކިބަސްދީފައިވާ ކަމަށެވެ. އަދި ހުސައިން ވަހީދުގެ މެޔަށް އެކުއްޖާ ވަޅިހެރިތަން ދުށްކަމަށް ބުނެ އެ ފަސް މީހުންގެ ތެރެއިން ހަތަރު ފިރިހެނުން ހެކިބަސްދީފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހަމައެހެންމެ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ލިބޭ ކުއްޖާ ދައުވާއަށް އިންކާރުކުރުމުން އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ތިން ހެކީންގެ ބަހުން، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާ ކުއްޖާ ހުސައިން ވަހީދުގެ މެޔަށް ވަޅިއެހެރުމަށްފަހު، އަނެއްކުއްޖާގެ ސައިކަލްގެ ފަހަތުގައި ދިޔަކަން އެނގެން އޮންނަ ކަމަށްވެސް ހުކުމުގައި ވެއެވެ.

ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާއި ގަރީނާތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެދެކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ހުސައިން ވަހީދު މަރާލާފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މއ. ކޮފީކޯނާ ކައިރީ ހުއްޓައި އޭނާގެ މެޔަށް ވަޅިން ހަމަލާދީއެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ ބަދަލުހިފުމުގެ ރޫހު އޮވެގެންކަން ޝަރީއަތަށް ހާޒިރުކުރެވުނު މީހުންގެ ބަހުންނާއި ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ހުސައިން ވަހީދަށް ހަމަލާދިނުމުގައި ބައިވެރިވެ އޭނާ މަރާލާފައިވަނީ އެ ދެކުދިން ބާލިޣުވެ ބުއްދިސަލާމަތުންވާ ހާލު އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި މަރާލުމުގެ ގަސްދު އޮވެގެންކަން ޝަރުއީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ މަރުވި މީހާގެ ވާރިސުން އެދޭނަމަ ގާތިލްގެ ކިބައިން މަރަށް މަރުހިފުން ކަމުގައިވާއިރު، ހުސައިން ވަހީދުގެ ވާރިސުންގެ ގޮތުގައި ހިމެނޭ ނުވަ ވާރިސުން ވެސް ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރުހިފުމަށް ކަމަށް ވެސް އެހުކުމްގައި ވެއެވެ.

ހުސައިން ވަހީދު މަރާލިއިރު އެ ދެ ކުދިންގެ އުމުރަކީ 16 އަހަރެވެ.