ޗެމްޕިއަން ޗެލްސީ އަތުން އެއްވަރުވެ ލިވަޕޫލަށް ޔޫއެފްއާ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުނުއިރު، މެންޗެސްޓާ ސިޓީ އަތުން 6-0 ގެ ބޮޑު ނަތީޖާއަކުން ބަލިވެ ކްއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) ދެ ވަނަ ޑިވިޜަނަށް ރެލިގޭޓްވެއްޖެ އެވެ.

ރޭ ޗެލްސީއާ ލިވާޕޫލް ވާދަކުރި މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު ގާތްގަނޑަކަށް ލިވަޕޫލަށްވަނީ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލިފައެވެ.

މެޗްގައި ފުރަތަމަ ލީޑް ނެގީ މެޗްގެ ފަސް ވަނަ މިނެޓްގައި ޓެރީއެވެ. މިއީ ޗެމްޕިއަންސް ލީގްގައި ޓެރީ ކާމިޔާބުކުރި 39 ވަނަ ލަނޑެވެ. އެހެންކަމުން އޭނާ ވެފައިވަނީ ޕްރިމިއާ ލީގް ތާރީޚް ގައި އެންމެ ގިނަ ގޯލް ޖެހި ޑިފެންޑަރަށްވެފައެވެ. އޭނާގެ ކުރިން މިޝަރަފު އޮންނަނީ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް އަންސްވޯތު އަށެވެ. އޭނާ ވަނީ އޭނާ ކުޅުނު އަށް އަހަރުގައި ޖުމުލަ 38 ލަނޑު ޖާހަފައެވެ.

ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގައި އެޓީމްގެ ކެޕްޓަން ސްޓީވަންސް ޖެރާޑެވެ.

ހޫނު މޫސުމުގައި ޖެރާޑް ލިވަޕޫލް ދޫކޮށް އެމެރިކާގެ މޭޖޭރ ލީގްގެ ކުލަބު ލޮސްއެންޖަލިސް އެފްސީއަށް ބަދަލުވާ ގޮތަށް ވަނީ ހަމޖެހިފައެވެ.

ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ދަނޑު ފައިބަމުން ކެޕްޓަން ބޭންޑް އެޓީމްގެ ޖޯޑަން ހެންޑަސަންއާ ކެޕްޓަން ބޭންޑް ހަވާލު ކުރަނީ. މިސީޒަންގައި އޭނާ ލީވަޕޫލްދޫކޮށް އެމެރިކާގެ މޭޖާ ލީގަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފައި --- ފޮޓޯ/ އޭޕީ

މިމެޗުން އެއްވަރުވުމުން ލިވަޕޫލް އޮތީ 62 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ތާވަލްގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމަށެވެ.

އެއް ސީޒަންގެ މެދު ކެނޑުމަށްފަހު އަންނަ ސީޒަންގައި މެންޗެސްޓާ ޔުނައިޓަޑަށް ވަނީ އަލުން ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކިޔްޕީއާރާ ދެކޮޅަށް ކުޅުނު މެޗްގައި ސިޓީގެ އާޖެންޓީނާގެ ސްޓައިކަރު ސާޖިއޯ އަގުއޭރޯ ވަނީ ހެޓްރިކް ހަދާފައެވެ.

މެޗްގެ ފުރަތަމަ ލަނޑު އަގުއޭރޯ ކާމިޔާބުކުރީ މެޗްގެ ހަތަރު ވަނަ މިނެޓްގައެވެ.

ދެވަނަ ލަނޑު 32 ވަނަ މިނެޓްގައި ކާމިޔަބުކުރީ ސާބިއާގެ އެލެގްޒެންޑާ ކްލޮރޯވްއެވެ.

އަގުއޭރޯ ސިޓީގެ ތިން ވަނަ ލަނޑު ކަމިޔާބުރީ ދެ ވަނަ ހާފްގެ ފަސް ވަނަ މިނެޓް ތެރޭގައެވެ.

އޭނާ ޖެހި ދެ ލަނޑަކީވެސް ކިއުޕީއާރްގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކެއްގައި ކާމިޔާބުކުރި ދެ ލަނޑެވެ.

ސިޓީގެ ސާޖިއޯ އަގުއޭރޯ އަތުން ބޯޅަ ހޯދުމަށް ކިއުޕީއާރްގެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ

އަނެއް ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ލަނޑު ޖެހިތާ 15 މިނެޓް ފަހުން ދެ ވަނަ ހާފުގެ 15 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ޕެނަލްޓީއަކީ ކިއުޕީއާރްގެ ޑިފެންޑަރު މެތިއު ފިލިޕްސް ސިޓީގެ ޑޭވިޑް ސިލްވާއަށް ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ސިޓީގެ ފަސް ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބު ކުރީ ޖޭމްސް މިލްނާއެވެ.

ހަ ވަނަ ލަނޑު މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވިލް ފުރެޑް ބޮނީ ނަގައިދިން ތުރޫ ޕާހަކުން ކާމިޔާބު ކުރީ ޑޭވިޑް ސިލްވާއެވެ.

ލަންޑަންގެ ވައިޓް ސިޓީއަށް ނިސްބަތްވާ ކިޔްޕީއާރް އަލުން ދެ ވަނަ ޑިވިޜަނަށް ރެލިގޭޓްވިއިރު އެންމެ ބޮޑު ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ކުޅުންތެރިޔަކީ އެޓީމްގެ ގޯލް ކީޕަރު ރޮބަޓް ގްރީންއެވެ. އޭނާ ވަނީ މިހާތަނަށް ހަތަރު ފަހަރަށް ދެ ވަނަ ޑިވިޝަރަނަށް ރެލީގޭޓް ވެފައެވެ. އެއީ ކިޔްޕީއާރްއާއެކު ދެފަހަރު، ވެސްޓްހަމް އަދި ނޯވިޗް ސިޓީއާއެކު އެއް ފަހަރުއެވެ.

ކިޔްޕީއާރް ގެ ގޯލް ކީޕަރު ރޮބަޓް ގްރީން. ކިޔްޕީއާރް ރެލިގޭޓް ވުމުން ގްރީން އަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި --- ފޮޓޯ/ ކިޔްޕީއާރް