ތާޖުއްދީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އުޅުމުގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރަކު ވެއްޓި މައިބަދަ ބިންދައިގެން ގޮސްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ވޯލް ކްލައިމްބިން ހަދަން އުޅުމުގެ ތެރޭގައި ވެއްޓި މައިބަދަ ބިންދައިގެން ގޮސްފައިވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން 16 އަހަރުގެ ރައިހާނާ ސަލީމް އެވެ.

"ސީޓީ ސްކޭނެއް ނެގީ. ނެގިއިރު އިނީ އެންމެ ތިރީކައިރި ބަދަ ހަމަ އެއްކޮށް ކޮމްޕްރެސްވެގެން ހަލާކުވެފައި،" ރައިހާނާގެ ބޭބެ ބުންޏެވެ.

އެހާދިސާ ކިޔައިދެމުން ރައިހާނާގެ ބޭބެ ސަން އަށް ބުނީ އެ ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން ވޯލް ކްލައިމްބް ހަދަން އެތަނަށް އަރައި ހުއްޓައި ވެއްޓިގެން ކަމަށެވެ.

"އެންމެ ސޭފްޓީ ބެލްޓެއް ހުރުމުން ސޭފްޓީ ބެލެޓާއި ނުލައި ކުދިން އެރީ. އެގޮތުން ކޮއްކޮވެސް އެރީ މައްޗަށް އެރިތަނާ ކައްސާލައިގެން ވެއްޓުނީ،" އޭނާ ބުންޏެވެ.

ރައިހާނާގެ މައިބަދައަށް ގެއްލުންވިޔަސް ނާރަކަށް ގެއްލުމެއްވެފައިނެތް ކަމަށް ޑޮކްޓަރުން ބުނާ ކަމަށާއި އާސަންދައިގެ ދަށުން އިތުރު ފަރުވާއަށް މިއަދު ރާއްޖެއިން ބޭރަށް ފުރަން ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުންޏެވެ.