ސަރުކާރާ ދެކޮޅަށް މުޒާހަރާތަކުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

މުޒާހަރާކުރުމުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖެނޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވީ، މުޒާހަރާތަކުގައި ބައިވެރިވެގެން ވަޒީފާއިން ވަކި ކުރާ ފަރާތްތަކަށާއި، ވަޒީފާގެ މައިދާނުގައި އެކިއެކި ފިއްތުންތައްް ކުރިމަތިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވުމުން ވަޒީފާއިން ވަކި ކުރުމާއި މަގާމު ދައްކުރުން އެއީ ވަޒީފާގެ ގާނޫނާ ހިލާފަށް ހިންގަމުންދާ އަމަލެއް ކަމަށް ސިދާތާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ކުރެވިގެންވާނެ ގޮތަކަށް ނޫން މިހާރު މި ކަންކަން ކުރެވެނީ. އެއީ ވަޒީފާގެ ގާނޫނުގެ ދަށުންވެސް އޮވޭ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށްވެސް ހައްގުތަކެއް ހިމާޔަތްކޮށްދެވިފައި،" ސިދާތާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ބައިވެރިވެގެން 12 މީހަކު މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންނަށް 94،000 ވަޒީފާ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން ރައްޔިތުން ވަޒީފާއިން ވަކިކުރަމުން ދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ކުރީގެ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

" ވަކި މިކުރެވެނީ ނުވަތަ ނިކަމެތިކަން ދެވެނީ ވަޒީފާގައި ހުރި މީހާއަކަށް ނޫން. އެ ވަޒީފާއަކުން ވަކިކުރާ މީހާގެ އާއިލާއަށާއި އެތަށް ބައިވަރު ރައްޔިތުންނަށް ނިކަމެތިކަން ފޯރުކޮށްދެމުން ސަރުކާރުން އެދަނީ،" މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވި އެވެ.

މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ 12 މީހުންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު އަދި ސްޓެލްކޯގެ މުވައްޒަފުން ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ވަޒީފާއިން ވަކި ކުރާ ފަރާތްތަކުގެ މައުލޫމާތު އިދިކޮޅު ފަރާތްތަކާ ހިއްސާ ކުރަމުން ދިއުމަށް އެފަރާތުން ވަނީ އެދިފައެވެ.