ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ޗެލްސީ އަށް ނުލިބިއްޖެނަމަ އެޓީމުގެ ކޯޗުކަމުން ކާލޯ އެންޗެލޯޓީ ބޭރުކުރާނެ ކަމަށް އޭނާ ވެސް ގަބޫލު ކުރަން ފަށައިފި އެވެ.

އިނގިރޭސި އަދި އިޓަލީގެ ނޫސްތަކުން ހަވާލާދީފައިވާ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އެންޗެލޯޓީ ވަނީ މި ސީޒަނަށް ފަހު އޭނާގެ ކުރީގެ ކުލަބު ރޯމާ އަށް ދިއުމަށް މިހާރު އެއްބަސްވެފަ އެވެ.

އެންޗެލޯޓީއާ ބެހޭ ގޮތުން މިގޮތަށް ވާހަކަ މި ފެތުރުނީ އޭނާގެ ބަދަލުގައި އާ ކޯޗެއް ހޯދަން ޗެލްސީން ވެސް މަސައްކަތް ކުރާ ކަމަށް ވާހަކަދެކެވިފައިވަނިކޮށެވެ. ނަތީޖާ ނުނެރެވޭތީވެ ކުލަބު ވެރިޔާ އާއި އެންޗެލޯޓީގެ ގުޅުން މިހާރު އެހާ ރަނގަޅެއްނޫނެވެ.

ރޯމާގެ ކޯޗުކަމުން ދާދި ފަހުން ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފައިވާއިރު ވަގުތީ ގޮތުން ކޯޗެއްގެ ގޮތުގައި ހުރީ ވިންސެންޒޯ މޮންޓެޔާ އެވެ. މިކަމާ ވެސް އެންޗެލޯޓީ ވަނ ވާހަކަ ދައްކައިފަ އެވެ.

"އަހަރެން އިޓަލީ އަށް ދާނަން. އެކަމަކު އެއީ ކޮން އިރަކު ކަމެއް ނޭނގެ. މިވަގުތު އަހަރެން މޮންޓެޔާ އަށް ކާމިޔާބު އެދެން. އިނގިރޭސި ވިލާތުގައި އަދި އަހަންނަށް ބޯނަސް ލިބިދާނެ،" އޭސީ މިލާނުގެ ކުރީގެ ކޯޗު، އެންޗެލޯޓީ ބުންޏެވެ.

އިނގިރޭސި ލީގާއި އެފް.އޭ.ކަޕް މިދިޔަ އަހަރު ހޯދި ނަމަވެސް މި އަހަރު ޗެލްސީ އަށް ކާމިޔާބު ކުރެވެން މިހާރު އޮތީ ހަމައެކަނި ޗެމްޕިއަންސް ލީގެވެ.

"އަހަރެން ވިސްނަނީ ޗެމްޕިއަންސް ލީގަށް. ދެން އެންމެ ކުޑަމިނުން ލީގުގެ ހަތަރު ވަނަ އަށް. އަހަރެން އިނގިރޭސި ވިލާތުގައި ހުންނަ ދުވަސް ގުނަން. އަހަންނަކީ އަދިވެސް އިޓަލީ މީހެއް. (އިޓަލީގެ) ގެނާރޯ ގަޓުސޯ އާއި އިނގިރޭސި ކުލަބުތަކާ ޖެހޭ ފަދަ މައްސަލަތަކާހުރެ އަހަރެން ވެސް ކަންބޮޑުވޭ،" އެންޗެލޯޓީ ބުންޏެވެ.
އޭނާ އަދި ބުނީ އިޓަލީގެ ގައުމީ ޓީމު މިހާރު ދަނީ ރަނގަޅު މިސްރާބަކުން ކަމަށާއި ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ފެނިދާނެ ކަމަށެވެ.