11 May 2015, 13:42
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް ފައިސާ އޮންލައިންކޮށް ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ.
މި ނިޒާމުގެ ދަށުން ކޭޝްކާޑު ބޭނުންކޮށްގެންނާއި ބޭންކު އެކައުންޓު މެދުވެރިކޮށް ވެސް ޓެކްސް ފައިސާ ދެއްކޭނެ ކަމަށް މީރާއިން ބުނެއެވެ.
މީގެ ކުރިން މީރާއިން ވަނީ އޮންލައިން ކޮށް ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ނިޒާމެއް ގާއިމުކޮށްފައެވެ. އެހެންކަމުން މި ހިދުމަތާއި އެކު ޓެކްސް އާއި ގުޅޭ ހުރިހާ ކަމެއް އޮންލައިންކޮށް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ.
މީރާ އޮންލައިން ޕޭމެންޓް އިފުތިތާހު ކުުރުމަށް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވީ، މީރާ އަކީ ޓެކްސް ދައްކާ ފަރާތްތަކާއި 'ރައްޓެހި' ތަނެއް ކަމަށެވެ. އަދި މީރާގެ ހިދުމަތް ޒަމާނީ ކުރުމަށް އެ އޮތޯރިޓީން ކުރައްވާ މަސައްކަތް ޖިހާދު ފާގަހަކުރެއްވިއެވެ.
"މި ހިދުމަތް ތައާރަފްވުމުން ޓެކްސް ދައްކާކަށް މީރާ އަށް ދާކަށް ނުޖެހޭނެ. ގޭގައި ހުރެގެން ފައިސާ ދައްކާލެވޭނެ. އަދި ކޮންމެ ވަގުތަކު ވެސް ފައިސާ ދެއްކޭނެ،" ޖިހާދު ވިދާޅުވި އެވެ.
މި ނިޒާމު ބޭނުންކުުރުމަށް މީރާ ކަނެކްޓްގައި ރަޖިސްޓްރީ ކުރަންޖެހެއެވެ. އޮން ލައިންކޮށް ފައިސާ ދެއްކުމަށް ކޮންމެ ބޭންކެއްގެ އެކައުންޓެއް ވެސް ބޭނުންކުރެވިދާނެ ކަމަށް ޓެކްސްޕޭޔާ ސާވިސްގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަރީފު ވިދާޅުވިއެވެ. އަދި ކޭޝް ކާޑު ބޭނުންކޮށްގެން ވެސް ޓެކްސް ފައިސާ އޮންލައިންކޮށް ދެއްކޭނެ ކަަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން މިރާއިން ވަނީ 'ވާރު ކާޑު'ގެ ނަމުގައި ޓެކްސް ދެއްކުމަށް ޚާއްސަ ކާޑެއް ވެސް ތައާރަފުކޮށްފައެވެ.
ހަމައެކަނި ޓެކްސް ދެއްކުމަށް ބޭނުންކުރެވޭ މި ކާޑު ޑޮލަރު އެކައުންޓަކަށް ނުވަތަ ރުފިޔާ އެކައުންޓަކަށް ވެސް ލިންކް ކޮށްލެވޭނެ ކަަމަށް ޝަރީފު ވިދާޅުވިއެވެ.
ވާރު ކާޑު ހެދުމަށް ފޯމު ހުށަހަޅަންޖެހޭނީ ބޭންކު އޮފް މޯލްޑިވްސް އަށެވެ.
މީރާގެ އޮންލައިން ޕޭމެންޓް އިފްތިތާހު ކުުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ އިސް ބޭފުޅުންނާއި ބޭންކް އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.