11 May 2015, 12:21
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގދ. ވާދޫއިން ރޯދައަށް ހައްދަމުންދިޔަ ދަނޑުތަކުގެ 90 ޕަސެންޓް ހަލާކުވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލްކަރީމް މިއަދު ސަން އަށް ވިދާޅުވީ ގަދަވަޔާއެކު އިއްޔެ އެރަށަށް ކުރި ވިއްސާރާގައި ފެން ބޮޑުވުމުގެ ސަބަބުން ރޯދަމަށް ޚާއްސަކޮށްގެން ބޮޑުއިންވެސްޓެއް ކޮށްގެން ހައްދަމުން ދިޔަ ދަނޑުތަކުގެ 90 ޕަސެންޓް ވަނީ ހަލާކުވެފައި ކަމަށެވެ.

"ރަމަޟާން މަހަށް ވާދޫ ރައްޔިތުން ކޮށްފައިހުރި ދަނޑުވެރިކަމުގެ މުޑުވަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ދިޔައީ ކަމަށް ބެލެވެނީ. މިހާރު ހުރިހާ ދަނޑުތަކެއް އެއޮތީ އަޑީގައި،" އަހުމަދު ވިދާޅުވިއެވެ.
ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ހައްދާ ވާދޫ ދަނޑުތަކަށް ލިބިފައިވާ ގެއްލުން ސިފަކޮށްދެއްވަމުން އަހުމަދު ވިދާޅުވީ އެރަށުން 100 ޓަނުގެ ކަރާ ލިބޭކަމަށްވާނަމަ ދެޓަރުގެ ކަރާ ލިބުމަކީ ވެސް ނާދިރުކަމެއް ކަމަށެވެ.
ދަނޑުތަކުގެ އިތުރުން ގޯތިތަކުގައި ހައްދާފައި ހުރި ޖަނބުރޯލާއި ފޭރުގަސްތައް ވެސް ވަނީ ވެއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުތަކަށް ލިބުނު ގެއްލުމުގެ އިތުރުން އިއްޔެ ކުރި ވިއްސާރާގައި ބައެއް ގޭގެއަށް ފެންވަދެ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. ރޭ ފެންވަތް ގެތަކާއި ފެން ބޮޑުވި ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދީފައި ހުރި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދު ރާއްޖެ ތެރެއާއި ދެނުކުގެ ހިސާބުތަކަށް މޫސުންގޯސްވެ ވައި ގަދަވާނެއެވެ. އެގޮތުން 40 މޭލާއި 45 މޭލާ ދެމެދު އެސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރ. ވާދޫ ސުކޫލުގެ ގަސްތައް ވެއްޓިފައި-- ފޮޓޯ ކައުންސިލް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އަތޮޅު ތެރޭ ރަށްތަކަށް ދަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ބައެއް ރުއްގަސް ވެއްޓުމާއި ފަޅުގައި އަޅާފައި ހުރި އޮޑިދޯނިފަހަރަށް ދަނީ ގެއްލުންތައް ލިބެމުންނެވެ.
ރ. ވަދޫގައިވެސް ސުކޫލުތެރޭގައި ހުރި ދެ ގަސް ވެއްޓި ސުކޫލް ފުރާޅަށް ގެއްލުންތަކެއް ލިބިފައިވެއެވެ. ހަމައެއާއެކު ގެއެއްގެ ފާރުމައްޗަށް ރުކެއް ވެއްޓި ގެއްލުންތަކެއް ލިބިފައިވެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށްވެސް މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެކަމަށެވެ. ޚާއްސަކޮށް އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރ. ވާދޫ ވަޅުތެރެ-- ފޮޓޯ ކައުންސިލް