11 May 2015, 10:50
އޭވައިލްއަށާއި ނިއުރޭޑިއަންޓަށް ކުޅުނު ބްރެޒިލްގެ އެވަޓަން ސޯޒާ ސަންޓޯސް ޓީސީއަށް ކުޅެން ސޮއިކޮށްފި އެވެ.
މިއީ މިސީޒަންގައި ޓީސީއަށް ސޮއި ކުރި ތިން ވަނަ ބިދޭސީ ކުޅުންތެރިޔާއެވެ.
އޭވައިއެލްގައި 2012 ވަނަ އަހަރު މޮޅު ކުޅުމެއް ދެއްކި ސަންޓޯސް ނިއުގައި ކުޅެފައިވަނީ ސީޒަން ފެށުމުގެ ކުރިން ބޭއްވި ޕީޕަލްސް ކަޕްގައެވެ. ނަމަވެސް ޕީޕަލްސް ކަޕަށްފަހު ފެންވަރު ދަށްކަމަށް ބުނެ ނިއުއިން ވަނީ އޭނާއާއެކު ވެފައިވާ އެއްބަސްވުން އުވާލާފައެވެ.
ރާއްޖޭގެ ދަނޑުގައި ސަންޓޯސް މަޝްހޫރުވެފައިވަނީ ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާގެ ނަމުންނެވެ.
މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީސީއިން ވަނީ މިހަތަނަށް ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމް ކުޅުނު ފުރަތަމަ މެޗް ވެލެންސިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔަބު ހޯދާފައިވާއިރު ދެ ވަނަ މެޗް މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއންޓާ ދެކޮޅަށް ކުޅެ ވަނީ އެއްވަރުވެފައެވެ.