11 May 2015, 15:52
ދުނިޔެ ވަށައިގެން ލެވިފައިވާ އޯޒޯން ފަށަލައިގައި އުފެދިފައިވާ ބާގަނޑު އަންނަނީ ކުޑަވަމުން ކަމަށާއި ކުރިއަށް އޮތް ގަރުނުގެ ތެރޭގައި އެތަން އެއްކޮށް ބެދޭނެ ކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުނެފިއެވެ.
ނާސާ އިން ކުރި ދިރާސާއެއްގައި ބުނާގޮތުން އެންޓާކްޓިކް ސަރަހައްދު މަތީގައި މިހާރު އުފެދިފައިވާ 12 މިލިއަން އަކަމޭލުގެ ބާގަނޑު މިހާރު ކުޑަވަމުން އަންނަ އިރު ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި އަށް މިލިއަން އަކަ މޭލަށް އެ ބާގަނޑު ކުޑަ ވެގެންދާނެ ކަމަށެވެ.
އޯޒޯން ފަށަލައިގައި ބޮޑު ބާގަނޑެއް އިންކަން ސައިންޓިސްޓުންނަށް ފެނިފައިވަނީ މީގެ 30 އަހަރު ކުރިން ބްރިޓިޝް ސައިންޓިސްޓުންތަކެއް އެންޓާކްޓިކާ އަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އެ ބާގަނޑު އުފެދިފައިވަނީ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ކަމަށް އޭރުގެ ދިރާސާތަކުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން 1987 ވަނަ އަހަރު ދުނިޔޭގެ އިގްތިޞާދީ ބާރުތަކުން ވަނީ އެފަދަ ކެމިކަލްތަކުން ދުނިޔެއަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މޮންޓްރެއަލް ޕްރޮޓޮކޯލްގެ ނަމުގައި މުއާހަދާއެއް އެކުލަވައިލާފައެވެ. އެ މުއާހަދާގެ ބޭނުމަކީ ތިމާވެއްޓާއި އޯޒޯން ލޭޔަރަށް ގެއްލުންދޭ ގޭސްތައް ކަމަށްވާ ކްލޮރޯފްލޮރޯ ކާބަންސް (ސީއެފްސީ) ގޭސްތަކުގެ ބޭނުން މަދު ކުރުމެވެ.