ބާންގީ (މޭ 11) : މެދުތެރޭ އެފްރިކާގެ ގައުމެއްކަމަށްވާ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ދާޚިލީ ހަނގުރާމަ ކުރަމުން ގެންދިޔަ މުސްލިމް ޖަމާއަތާއި ނަސާރާ ޖަމާއަތް އެއްގަލަކަށް އަރައި ތަޅާފޮޅުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވެއްޖެ އެވެ.

ސުލްޙައިގެ މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސިލިކާ ޖަމާއަތާއި ނަސާރާއިންގެ ޖަމާއަތެއް ކަމަށްވާ އެންޓި ބަލަކާ އެވެ. މި އެއްބަސްވުމުގައި މިދެ ޖަމާއަތާ ގުޅިފައިވާ ހަތިޔާރުއެޅި 10 ޖަމާއަތް ޝާމިލްވެއެވެ.

މި އެއްބަސްވުމުގައި ސިލިކާ ޖަމާއަތާއި އެންޓި ބަލަކާ ޖަމާއަތުގެ އިތުރުން ދެ ޖަމާއަތާ ގުޅިފައިވާ ހަތިޔާރުއެޅި 10 ޖަމާއަތަކުން ވަނީ އެޖަމާއަތްތަކުގެ އަތްދަށުގައިވާ ހުރިހާ ހަތިޔާރުތަކެއް އދ. ގެ ބެލުމުގެ ދަށުން ސެންޓްރަލްއެފްރިކަން ރިޕަބްލިކްގެ ވަގުތީ ސަރުކާރާ ޙަވާލުކުރުމަށް ވައުދުވެފައެވެ. މި އެއްބަސްވުމަށް މަގުފަހިކޮށްދިނީ އދ. އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ސަރުކާރުންނެެވެ.

މިދެޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރެއިން ބޭނުންވާ މީހުންނަށް ސެންޓްރަލް އެފްރިކަން ރިޕަބްލިކް ސިފައިންގެ ލަޝްކަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިއެއްބަސްވުމުގެ ދަށުން ލިބިދެއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ދާޚިލީ ހަނގުރާމައިގާ ބޮޑަށް ގެއްލުން ލިބިފައިވަނީ އެގައުމުގެ މުސްލިމުންނަށެވެ. މި ހަނގުރާމައިގެ ހުޅުގަނޑު ރޯވީ 2013 ވަނަ އަހަރު ސިލިކާ ޖަމާއަތަށް ނިސްބަތްވާ މުސްލިމް ލީޑަރަކު އެގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު އެކަމާ ދެކޮޅަށް އެންޓި ބަލަކާ ޖަމާއަތް ހަތިޔާރާއެކު ތެދުވުމާ ގުޅިގެންނެވެ.

ސިލިކާ ޖަމާއަތުގެ ލީޑަރަކަށް ވެރިކަން ލިބުމަކީ ބަޣާވާތެއްކަމަށް ބަލައި އެންޓި ބަލަކާ ޖަމާއަތުން ސަރުކާރާ ދެކޮޅަށް ފެށި ހަނގުރާމަ މައިގަނޑު ގޮތެއްގައި އަމާޒުކުރީ އެގައުމުގެ މުސްލިމް އާބާދީ މުޅިން ނެތިކޮށްލުމަށެވެ.

މިގޮތުން މުސްލިމުން ޖެހުނުތަނަކުން މަރައި މުސްލިމް އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަނެ މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި އަމިއްލަ ވަޒަނުން ބޭރުވުމަށް ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނަށް އެންޓި ބަލަކާ ނަސާރާ ޖަމާއަތުން މަޖްބޫރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންގެ އެތައް ލައްކަ ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޗާޑަށާއި ކެމަރޫން އަށާއި އެނޫންވެސް ގައުމުތަކަށް ހިޖްރަކޮށްފައިވެއެވެ.

މިދެ ޖަމާއަތުގެ ކުރިމަތިލުންތަކުގައި އެތައް ހާސްބަޔަކު މަރުވެ މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު މީގެ ތެރެއިން ތިންބައިކުޅަ ދެބައަށްވުރެވެސް ގިނައީ މުސްލިމުން ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ޙައްލުކުރުމުގެ ގޮތުން 2014 ވަނަ އަހަރު ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައިވަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލާފައެވެ. މިހާރު ވެރިކަން ކުރަމުން ގެންދަނީ ވަގުތީ ސަރުކާރުންނެވެ. (ނޫސްއެޖެންސީތައް)