ރިޔާޒް (މޭ 11): އަންނަ ބުދަ ދުވަހު އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބާއްވާ އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ގެ ބަދަލުގައި ސައޫދީ ދައުލަތް ތަމްޘީލް ކުރައްވާނީ އެގައުމުގެ ވަލީއުލްއަހްދު މުޙައްމަދު ބިން ނާއިފް ބިން އަބްދުލްއަޒީޒް ކަމުގައިހަމަޖައްސައިފި އެވެ.

ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަމިޓްގައި ސައޫދީ ދައުލަތް ތަމްޘީލް ކުރައްވާނީ އަދި ސައޫދީ ވަފްދުގެ އެންމެ އިސް ވެރިއެއްގެ ގޮތުން އެސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނީ ވަލީއުލްޢަހްދު މުޙައްމަދު ބިން ނާއިފް ކަމުގައި ސަލްމާން ރަސްގެފާނު ހަމަޖައްސަވައިފި ކަމުގައެވެ.

މުޙައްމަދު ބިން ނާއިފް އަކީ ސަލްމާން ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ސައޫދީ ވަލީއުލްއަހްދު ކަމުގެ އިތުރުން އެގައުމުގެ ދާޚިލީ ވަޒީރަކީވެސް މުޙައްމަދު ބިން ނާއިފެވެ.

އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ބާއްވާ ސަމިޓަކީ ގަލްފާއި މެދުއިރުމަތީގެ އަމަނާއި ސަލާމަތާބެހޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބޭއްވުމަށް އެމެރިކާ ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ ސަމިޓެކެވެ. މިސަމިޓްގެ އަމާޒަކީ އީރާނާއި އެމެރިކާ ގާތްވަމުންދިޔުމާއި އަދި އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމާބެހޭ ފްރޭމްވޯކް އެއްބަސްވުމަކާ ހަމައަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާން ދިޔުމާގުޅިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެތީ އެކަމާމެދު ސައޫދީން ކަންބޮޑުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ބާއްވާ ސަމިޓެއް ކަމަށްވަނީ ސިފަކުރެވިފައެވެ.

މެދުއިރުމަތީގައި އީރާނުގެ ބާރާއި ނުފޫޒު ގަދަވަމުންދާ ކަމަށްބުނެ ސައޫދީ އަރަބިޔާ އާއި ގަލްފުގެ އަރަބި ގައުމުތަކުން ގެންދަނީ ކަންބޮޑުވާކަން ހާމަ ކުރަމުންނެވެ. މި ކަންބޮޑުވުންތަކާމެދު ކޭމްޕް ޑޭވިޑް ސަމިޓްގައި ބަހުސް ކުރެވޭނެ ކަމަށް އެމެރިކާ ބުނެއެވެ.

މިސަމިޓަށް ތައްޔާރު ވުމުގެގޮތުން ގަލްފުގެ ޖީސީސީގެ ގައުމުތަކުގެ އިސް ލީޑަރުން މިދިޔަ ހަފްތާގައި ސައޫދީ އަރަބިޔާގެ ރިޔާޒްގައި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޖީސީސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވެސް ވަނީ މިދިޔަ ހަފްތާގައި ޕެރިހުގައި ބައްދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)