ކ. މާފުށީ ޖަލުގައި ގައިދީއަކު މިރޭ މަރުވެއްޖެ އެވެ.

މަރުވި ގައިދީއަކީ ދ. މާއެނބޫދޫ، ރޯޝާނީގެ، އަހުމަދު ލިޝާން، 23، އެވެ. އޭނާއަކީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޒުވާނެކެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު ވިދާޅުވީ ޖަލުގައި އޮތް ގައިދީއަކު މަރުވެފައި ވަނީ މެޔަށް ތަދެއް އަރައިގެން އުޅެނިކޮށް ކަމަށާއި އޭނާ މަރުވެފައި ވަނީ ޖަލު ޑޮކްޓަރުން ފަރުވާދެމުންދަނިކޮށް ކަމަށެވެ.

"މެޔަށް ތަދެއް އަރައިގެންނޭ ބުނިތަނާ ކުއްލިއަކަށް ވެއްޓުނީ. ދެން ޖަލު ޑޮކްޓަރުން ވެސް އޭނާ ބެލި. މަރުވާން ދިމާވީ ކަނޑައެޅިގެން ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ނޭނގޭ،" ރަމީޒު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މާފުށީ ޖަލުގައި ގައިދީއަކު މަރުވެފައި ވަނީ "ގުދުރަތީ މަރަކުން" ކަމަށެވެ. އަދި މަރުވެފައިވާ ގައިދީއަކީ މާފުށީ ޖަލުގައި އާންމު ގައިދީން ބަންދުކޮށްފައި ތިބޭ ލުއި ޔުނިޓްގައިވާ ގައިދީއެއް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮޅިތަކުގައި ތިބި ގައިދީން "ބޯ ގުނުމަށް" ޖަލު އޮފިސަރުން މިރޭ ގޮޅިތަކަށް ވަދެ އުޅެނިކޮށް އޮފިސަރެއްގެ ކައިރީގައި މެޔަށް ތަދެއްއަރައިގެން އުޅޭ ވާހަކަ އޭނާ ބުނި ކަމަށެވެ.

"އެހެން ބުނުމާއެކު އޮފިސަރުން އޭނާއަށް ފަރުވާދޭން އަވަސްވެގަތީ. އަދި ޖަލުގެ ވެހިކަލެއްގައި އޭނާ މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ޑޮކްޓަރުން ބެއްލެވިއިރު ވިދާޅުވީ މަރުވެފައޭ އޮތީ،" ތަޒްމީލް ވިދާޅުވި އެވެ.

"މި މަރަކީ ހަމަނުޖެހުމަކާ ގުޅިގެންވީ ކަމެއްނޫން. އަދި އަނިޔާއެއްކޮށްގެންވީ ކަމެއް ނޫން. މިއީ ހަމަ ގުދުރަތީ މަރެއް،"