10 May 2015, 21:47
އަދާލަތު ޕާޓީ އިސްވެ އޮވެ އެމްޑީޕީއާ ގުޅިގެން މިދިޔަ ހުކުރުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދީ، ޖިސްމާނީ އަނިޔާކުރި މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު ހޯދަން ފުލުހުން ފޮޓޯތަކެއް އާންމުކޮށްފި އެވެ.
ފުލުހުން މިރޭ ކުރި އިއުލާނުގައި ވަނީ ފޮޓޯއިން ފެންނަ ފަސް މީހުންނަކީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ޖިސްމާނީ އަނިޔާކުރި މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ ފަސް މީހުން ކަމަށެވެ.

ފޮޓޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3332111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ހޯދައި ހައްޔަރުކުރުމުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފޮޓޯއިން ފެންނަ ފަސް މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭނެކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން ހޯދުމަށް ފުލުހުން ވަނީ މީގެކުރިން ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

އެ ފަސް މީހުން ހޯދުމަށް މިރޭ އިއުލާންކޮށްފައިވާއިރު، އެމައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހޯދަން ފުލުހުން އިއްޔެ ވަނީ އެމީހުންގެ ފޮޓޯއާ އެކު އިއުލާންކޮށްފަ އެވެ. އެހެންކަމުން ފުލުސްމީހާއަށް ހަމަލާދިން މައްސަލައާ ގުޅިގެން ފުލުހުން ހޯދަން ފޮޓޯއާއެކު ފުލުހުން އިއުލާންކޮށްފައިވާ މީހުންގެ އަދަދު މިހާރު މިވަނީ ހަތަކަށް އަރާފައެވެ.
ފުލުސް މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ސ. ހުޅުދޫ ގުލްހަޒާރުގޭ އުސްމާން ހަސަން އާއި މާލޭ ދަފްތަރު 9130 މޫސާ ޝަރުމީލް،35 އާއި ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު،49 އާއި ލ. ގަން، މުކުރިމަގު އެއްގަމުގޭ ނާސިރާ އަލީ،30 އާއި ގދ. ގައްދޫ ލޮޓަސް ލައުޝާން އަހްމަދު ޒާހިރު،19 އާއި ތ. ގުރައިދޫ ރޯސްވިލާ އަހްމަދު އިބްރާހީމް،48 އާއި ސ. ހުޅުދޫ އޮސްޓްރޭލިއާ އިބްރާހީމް އިބާދު،28 އާއި ކްލަބް އީގަލްސްގެ ކުރީގެ ގޯލްކީޕަރު މ. ބާންސްރީގެ އިބްރާހީމް ލަބާން ޝަރީފް،19 ގެ އިތުރުން 22 އަހަރުގެ ފިރިހެނެކެވެ.

އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
މުޒާހަރާގައި އަނިޔާލިބުނު ދެ ފުލުހުންނަށް އިތުރު ފަރުވާދިނުމަށް ވަނީ ސްރީލަންކާއަށް ފޮނުވާފައެވެ. އެ ދެ ފުލުހުންގެ ސިއްހީ ހަލާތާ ބެހޭ ފަހުގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފައިވާތީ، ބައެއް ސިޔާސީ ޕާޓީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގާފާނެ ކަމަށް އެކޮމިޝަނުން ގަބޫލުނުރާ ކަމަށެވެ. އެހެންނަމަވެސް މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައިފިނަަ ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ސުލައިމާން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ބޭއްވި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާފައިވާތީ އަދާލަތު ޕާޓީ 33،000 ރުފިޔާ އިން އަދި އެމްޑީޕީ 47،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ބުނެފައި ވަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި ޖޫރިމަނާ ކުރުމަކީ އިލްކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދާލަތު ޕާޓީން ވަނީ ޖޫރިމަނާކުރި ކުރުން އަލުން މުރާޖާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.