ކާމިޔާބު ސިއްހީ ފަރުވާފުޅަކަށްފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަރަށް އަވަހަށް ދައުލަތުގެ ހިދުމަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކާމިޔާބު ސިއްހީ ފަރުވާފުޅަކަށްފަހު، އުއްތަމަފަނޑިޔާރު ދިވެހި ދައުލަތުގެ ޚިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ނުހަނު ކާމިޔާބު ޞިއްޙީ ފަރުވާފުޅަކަށްފަހު، މާތްﷲގެ ވާގިފުޅާއެކު ދިވެހި ދައުލަތުގެ ޚިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ވާހަކަ ދެންނެވީމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި އުއްތަމަ ފަނޑިޔާރުގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދީފައި ވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ދީމިޤްރާތީ މުޖްތަމައުތަކެކޭ ވެސް އެއްފަދައަކުން އަނެކާގެ ހައްގުތަކަށާއި މުޖްތަމައުގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމް ކުރަންޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަން ކަމެއް ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ހައްގުތަކަށް އިހްތިރާމްކުރާ ޒިންމާދާރު އަދި ބިނާކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި ތަރައްގީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަމުންގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އުއްތަމަފަނޑިޔާރު ލޮގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ފުރައިވަޑައިގެންނެވީ މިދިޔަ މަހުގެ 15 ގަ އެވެ.