10 May 2015, 18:59
ޗައިނާގެ ގުއަންޒައު ޒުއާންގު އޮޓޮނޯމަސް ރީޖަންއާއެކު "ސިސްޓާ ސިޓީ އެގްރީމަންޓެއްގައި" މާލެ ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލުގެ ސެކެރަޓަރީ ޖެނެރަލް އިބްރާހިމް ޝަބާއު އެވެ.
ރަސްމިއްޔާތަށްފަހު "ސަން"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ ދުނިޔޭގެ އެކި ސިޓީތަކުގެ މެދުގައި "ސިސްޓަ ސިޓީ ރިލޭޝަންޝިޕް" އެގްރީމެންޓުތަކެއް ހަދާ ކަމަށާއި މިއަދު ސޮއި ކުރި އެއްބަސްވުމަކީ ދެ ސިޓީގެ މެދުގައި މަސައްކަތްތަކެއް ފަށައިގަތުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށެވެ.

ޗައިނާގެ ގުއަންޒައު ޕްރޮވިންސްގެ އިސް ފަރާތްތަކާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު (ކ) ބައްދަލުކުރައްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަބަދުވެސް މީގެ ބޭނުމަކީ އެއް ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ކަންތައްތައް ރަނގަޅު ކުރުމާއި އެކަމާ ބެހޭ ގޮތުން އެހެން ސިޓީތަކުގައި ނުވަތަ ޕްރޮވިންސްތަކުގައި އުޅުއްވާ ބޭފުޅުންގެ އެހީތެރިކަމާއި އެފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކާ ވިޔަފާރީގެ ގޮތުން ބަދަލުކުރުމާއި ފަތުރުވެރިކަން ކުރިއަށްދާ ގޮތާއި މިކަހަލަ ކަންތައްތައް ދެން ދެބައި މީހުންގެ މެދުގައި އެކުވެރިކަން އުފައްދައިގެން ދެ ގައުމަށް ނުވަތަ މި ދެ ސިޓީއަށް ފައިދާވާނެ ގޮތްތަކަށް އަޅުގަނޑުމެންގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މީގެ ބޭނުމަކީ،" ޝިހާބް ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދާ އެއް ގައުމު ކަމަށާއި އޭގެތެރެއިން ބައެއް ފަރާތްތަކުން ވެރިރަށް މާލެއަށް ވެސް ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ވަގުތުތަކުގައި އެ ފަރާތްތަކަށް ލިބޭ ދަތިތަކަށް މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު މިއަދުގެ ސޮއި ކުރެވުނު އެއްބަސްވުމުގެ މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
"މީގެކުރިން ވެސް އަޅުގަނޑުމެން ސިސްޓާ ސިޓީ އެގްރީމެންޓެއްގައި ސޮއިކޮށްފައި އޮންނާނެ ސެންޒެން ސިޓީއާއެކު ވެސް. އެއީ ޗައިނާގެ ތަރައްގީވެފައި އޮތް އެއް ސިޓީ. އޭގައި އަޅުގަނޑުމެން މިހާރު ވެސް އެބައޮތް ވިޔަފާރީގެ ގޮތުން އެތަނުގައި ބާއްވާ އެކި އެކި ފެއާތަކަށް ދައުވަތު ލިބިފައި. އަދި ހަމައެއާއެކު ރާއްޖޭގެ ޔުނިވާސިޓީގައި ކިޔަވަމުންދާ ކުދިން އެތަނަށް ވިޒިޓުކޮށް އެތަނުގެ ތަޖުރިބާ ކުރުމުގެ ކަންކަން ވެސް ހިނގާފައި ވަނީ. ބޮޑަށް މިފަދަ އެއްބަސްވުންތަކުގައި އޮންނާނީ އެކްސްޗޭންޖެސްތައް،" މޭޔަރު ޝިހާބު ވިދާޅުވި އެވެ.