މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅުފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 80 މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާން ވަޖީހު މިއަދު ސަން އަށް ވިދާޅުވީ މޭޑޭ މުޒާހަރާއާ ގުޅިގެން ފުލުހުން ފޮނުވި މައްސަލަތައް އެ އޮފީހުން ދިރާސާކުރަމުން އަންނަ ކަމަށެވެ.

އެ މުޒާހަރާގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅިފަދަ ތަކެތި އުކި މީހުން ހިމެނެއެވެ.

މޭޑޭ މުޒާހަރާއާ ގުޅިގެން 175 މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އޭގެތެރެއިން ގިނަ ބަޔަކު ފުލުހުން ވަނީ ދޫކޮށްލާފައެވެ.

އެ މުޒާހަރާއާ ގުޅިގެން ފުލުހުން ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ޗާންދަނީ މަގުގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި ޖިސްމާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ނުހިމެނެއެވެ.