10 May 2015, 17:22
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ތުހުމަތުކުރެވޭ އެކުއްޖާގެ މަންމަގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަންއަށް އެނގިފައިވާގޮތުގައި އެމައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ "މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ" އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ފުލުހުންގެ ސީރިއަން އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ސަތީހު ވިދާޅުވީ އާފިޔާގެ އިތުރު ހަތަރު ދަރިން ތިބިއިރު އޭނާ އަނިޔާކޮށްފައިވަނީ ހަމައެކަނި އިބްތިހާލަށް ކަމަށެވެ. އަދި އިބްތިހާލާ މެދު އާފިޔާ ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.